ރަޖިސްޓްރީނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހުޅުމާލޭގައި ޕާކުކޮށްފައިހުރި އުޅަނދުތައް ނަގަންފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ހުޅުމާލޭގައި ޕާކުކޮށްފައިހުރި ރަޖިސްޓަރީ ނުކުރާ އުޅަނދުތައް ނެގުމުގެ މަސައްކަތް ހުޅުމާލޭ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން ފަށާފައިވާ ކަމަށެވެ.
މި މަސައްކަތް އިއްޔެ ފަށާފައިވާއިރު، ހުޅުމާލޭގެ އެކި ސަރަހައްދުތަކުން، ހަތަރު ފުރޮޅުލީ މިފަދަ 10 އުޅަނދު އިއްޔެ ނަގާފައިވާކަމަށް ފުލުހުން ބުންޏެވެ.
''ކުރިއަށް އޮތްތަނުގައި ވެސް، ރަޖިސްޓްރީނުކޮށް ހުޅުމާލޭގެ މަގުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނެގުމާއި އުޅަނދު ރަޖިސްޓްރީކޮށްފައިވަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތްކުރަމުން ގެންދާނެ'' ފުލުހުން ބުނެފަވެއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މަގުތަކަކީ އެންމެނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ކުރަމުންދާ މި މަސައްކަތްތަކުގެ ތެރެއިން، ސައްހަ ނޫން ރަޖިސްޓްރީ ހަދައިގެން ދުއްވާ އުޅަނދުތައް ހޯދައި ފިޔަވަޅުއެޅުމުގެ ކަންކަން ވެސް ކުރަމުން ގެންދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ބޭނުންނުކޮށް ގިނަ ދުވަސްތަކެއްވެފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް މީގެ ކުރީން އެޗްޑީސީން ވެސް ވަނީ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!