ދިވެހިރާއްޖޭގެ ކުރީގެ ބައެއް ރައީސުން ކޯޓުތަކަށް ''އަތްބޭނި'' ކަމަށާއި، ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކަމެއް ނުކުރައްވާނެ، ރައީސް މުއިއްޒު މަސައްކަތްޕުޅު ކުރައްވަނީ ކޯޓުތަކާމެދު ރައްޔިތުންގެ ގެއްލިފައިވާ އިތުބާރު ހޯދައިދިނުމަށް ކަމަށް ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ) މިއަދު ވިދާޅުވެއްޖެއެވެ.
ލަތީފް މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެން ޝަރީފް ހުށަހަޅުއްވާފައިވާ ދިވެހި ރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ތިން ބާރުވަކިވެފައިވާ ނިޒާމެއްގައި އަދުލުއިންސާފުގެ ވާހަކަ ވަރަށް ރަނގަޅަށް ދައްކާލަންޖެހޭކަމަށް ވިދާޅުވެ ލަތީފް ވިދާޅުވީ، އެއިރަކު ހުންނަ ރައީސަކު ކޯޓަތަކުން ނިންމާ ނިންމުން ކަމުނުދާތީ، އެ ކޯޓުތަކުގެ ގާޒީން ގެންގޮސް ހައްޔަރުކޮށް ޖަލަށްލީތަން ކުރިން ދެކިވަޑައިގަތް ކަމަށެވެ.
''އަޅުގަނޑުމެން ދުށިން އޭރު ހުންނެވި ރައީސަކު ބޭނުން ގޮތަށް ކޯޓުން މައްސަލަ ނިންމައި ނުދިނީމަ އެތަންތަން ތަޅުލިތަން، އެއިރަކު ހުންނަ ރައީސަކު ހިތްހަމަނުޖެހުނީމަ އަޅުގަނޑުމެން ދުށިން ސިފައިން ފޮނުވައިގެން ފަނޑިޔާރު މަނިކުފާނު ދަމާކޫއްތާފަ ގެންދިޔަ، އަދުލުއިންސާފުގެ ވާހަކަ ދައްކަން މިއުޅެނީ، މި ތިންބާރުގެ ތެރެއިން ވެސް އެންމެ އިތުބާރުނުކުރާ، އިޚްތިރާމް ނުކުރާ، ރައްޔިތުން އެންމެބޮޑަށް ކަންބޮޑުވާ އެއް ދާއިރާއަކީ އަދުލުއިންސާފުގެ ދާއިރާ،'' ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ، އެ ދާއިރާގައި އިންސާފުވެރިކަމާއެކު ގާޒީން ނިންމާ މައްސަލަތަކާއި އެ ނިންމި ގޮތް ކަމުނުދާތީ އެ ޤައުމުގައި ހުންނެވި ވެރިޔަކު ކަންތައް ކުރިގޮތް ދެކެވަޑައިގެންނެވި ކަމަށެވެ.
''ރައީސަކަށް ހުންނަ މީހާ އެބަޖެހޭ ހުރިހާތާކަށް އަތް ބާނަން، ރައްޔިތުންގެ މަޖިލީހަށް ވެސް އޭނާ އަތްބާނަން ބޭނުންވޭ، އަދުލުއިންސާފުޤާއިމުކުރާ ކޯޓުތަކަށް ފަނޑިޔާރުންނަށް ވެސް ބާރުފޯރުވަން ބޭނުވޭ ރައީސަކަށް ހުންނަ މީހާ، އެކަމު މުޅިން މާހައުލު ބަދަލުވެއްޖެ، އަޅުގަނޑުމެންގެ ރައީސް، މިހާރުގެ ރައީސް ޑރ. މުޢިއްޒު، އެމަނިކުފާނު ބޭނުންފުޅެއްނުވޭ މިކަންކަން މިހެންވާކަށް،'' ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ، މިހާރު ރައީސް ޑރ. މުޢިއްޒު ކޯޓުތައް ތަޅުލަން ބޭނުންފުޅު ނުވާކަމަށެވެ. އަދި ''ގާޒީން، ފަނޑިޔާރުން ގެންގޮސް ހައްޔަރުކުރާކަށް ބޭނުމެއްނޫން، ގާޒީން، ފަނޑިޔާރުން އަތްތަކުގައި ތަޅުއަޅުވާކަށް ބޭނުމެއްނޫން'' ކަމަށް ވިދާޅުވިއެވެ. ރައީސް މުޢިއްޒު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ އެކަން އެހެން ނުކުރުމަށް ކަމަށް ވެސް ލަތީފް ވަނީ ވިދާޅުވެފައެވެ.
''ރައީސް މުޢިއްޒު މަސައްކަތްޕުޅު ކުރައްވަނީ ދިވެހި ރައްޔިތުންނަށް ގެއްލިފައިވާ ހައްގުތައް ހޯދައިދިނުމަށް، ރައްޔިތުން އިތުބާރުނުކުރާ ކޯޓުތަކަށް، ފަނޑިޔާރުންނަށް، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށްޓަކައި ކުރާ މަސައްކަތް އެކުރަށްވަނީ'' ލަތީފް ވިދާޅުވެފަވެއެވެ.
ދިވެހިރާއްޖޭގެ ކުރީގެ ބައެއް ރައީސުން ކޯޓުތަކަށް ''އަތްބޭނި'' ކަމަށް ލަތީފް ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ޢަބުދުﷲ މުޙައްމަދު ހައްޔަރުކޮށް ވަނީ ޖަލަށް ލާފައެވެ. އެ ވެރިކަމުގައި ފެށުނު ސިޔާސީ ހަމަނުޖެހުމުގެ ފެށުމަކީ އެއެވެ. އޭގެ ފަހުން ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ ސުޕްރީމް ކޯޓުގައި ބައެއް ފަނޑިޔާރުން ތިއްބަވަނިކޮށް، އެތަނުގެ ފުރާޅުން ޓިނު ނަގައިގެން ސަލާމަތީބާރުތަކުން ވަދެ ބައެއް ފަނޑިޔާރުން ހައްޔަރުކޮށް، ޖަލަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!