ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ މުޒާހަރާގެ ތެރެއިން، އެ ގައުމުގެ މެދުތެރޭގައި އޮންނަ ނަރްސިންގްދީ ޑިސްޓްރިކްޓްގެ ޖަލަކަށް މުޒާހަރާގެ ބައިވެރިން ވަދެ، އެތައް ސަތޭކަ ގައިދީންނެއް ދޫކޮށްލުމަށްފަހު އެ ޖަލުގައި އަލިފާން ރޯކޮށްލައިފިއެވެ.

"ގައިދީން ޖަލުން ފިލައިގެން ދިޔުމަށްފަހު، މުޒާހަރާގެ ބައިވެރިން ވަނީ ޖަލުގައި އަލިފާން ރޯކޮށްލާފައި،" ނަން ހާމަނުކުރުމުގެ ޝަރުތުގެ މަތިން އޭއެފްޕީއާ ވާހަކަދެއްކެވި ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

Ad
rt

ނަރްސިންގްދީ ޑިސްޓްރިކްޓްގެ ސަރުކާރުގެ އިސް އޮފިޝަލް މޫޝުމީ ސަރްކަރް ވަނީ ޖަލެއް ފަޅާލިކަން އޭއެފްޕީއަށް ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ދެއްވާފައެއް ނުވެއެވެ. މި ހާދިސާގައި ފިލައިގެން ދިޔަ ގައިދީންގެ ސީދާ އަދަދެއް އެނގިފައެއް ނުވެއެވެ. އެހެންނަމަވެސް އެ އަދަދު އެތައް ސަތޭކައަކަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ މުޒާހަރާއަކީ، އެ ގައުމުގެ މިނިވަންކަމަށް ކުރި ހަނގުރާމައިގައި ބައިވެރިވި ސިފައިންގެ އާއިލާތަކަށް ސަރުކާރުގެ ވަޒީފާތަކުގެ 30 އިންސައްތަ ދޭން ނިންމި ނިންމުމާ ދެކޮޅަށް ދަރިވަރުން ފަށާފައިވާ މުޒާހަރާއެކެވެ. މި މުޒާހަރާގައި މިހާތަނަށް 50 އާ ގާތްކުރާ އަދަދެއްގެ މީހުން މަރުވެފައިވާ ކަމަށް ވެއެވެ.

ބަންގްލަދޭޝްގެ 170 މިލިއަން މީހުންގެ އާބާދީގެ ތެރެއިން ފަސްބައިކުޅަ އެއްބައި މީހުންނަކީ ވަޒީފާ ނެތް މީހުން ކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، ސަރުކާރުން މިފަދަ ނިންމުމެއް ނިންމުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.