ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި ސްޕެއިންއަށް ހޯދައިދިން ކެޕްޓަން އަލްވާރޯ މޮރާޓާ، ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް ދޫކޮށް އިޓަލީގެ އޭސީ މިލާނަށް ބަދަލުވެއްޖެއެވެ.
އުމުރުން 31 ފޯވާޑް މިލާނަށް ބަދަލުވެފައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
މޮރާޓާ ޕްރޮފެޝަނަލް ފުޓްބޯލް ކެރިއާ ފަށާފައިވަނީ ސްޕެއިންގެ ރެއާލް މެޑްރިޑުންނެވެ. އެއަށްފަހު އޭނާ ވަނީ އިޓަލީގެ ޔުވެންޓަސްގެ އިތުރުން ޗެލްސީއަށް ވެސް ކުޅެފައެވެ.
އޭނާ ރެއާލާއިއެކު ޗެމްޕިއަންސް ލީގު ދެފަރު ވަނީ ކާމިޔާބު ކޮށްފައެވެ. މީގެއިތުރުން ޔުވެންޓަސްއާއިއެކު އިޓާލިއަން ލީގު ދެފަހަރު އަދި ޗެލްސީއާއިއެކު އިނގިރޭސި އެފްއޭކަޕް ވަނީ ކާމިޔާބު ކޮށްފައެވެ.
ނިމިދިޔަ ޔޫރޯގައި ސްޕެއިނުން ކުޅުނު ހަތް މެޗުގައި ވެސް އޭނާ ކުޅެފައިވާއިރު، އޭނާ ވަނީ އެ މުބާރާތުގައި އެއް ލަނޑު ކާމިޔާބު ކޮށްފައެވެ. މިހާތަނަށް ސްޕެއިން ގައުމީ ޓީމަށް މޮރާޓާ ވަނީ 80 މެޗު ކުޅެ 36 ލަނޑު ޖަހާފައެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތެރޭ މީޑިއާއާއި ވާހަކަ ދައްކަމުން މޮރާޓާ ވަނީ ސްޕެއިންގައި އިހްތިރާމް ނުލިބޭކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ވުމާއިއެކު ޔޫރޯ ނިމުމުން ސްޕެއިން ދޫކޮށް އެހެން ލީގަކަށް އޭނާ ބަދަލުވާނެކަމަށް ކުރިން ވެސް އޮތީ ބެލެވިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!