މާލެ ތޮއްޖެހެމުންދާ ދިއުމަށް ނިމުމެއް ގެނެވޭނީ، އަރބަން ސެންޓަރުތަކެއް ޤާއިމްކޮށްގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުﷲ، މިފަދައިން ވިދާޅުވެފައިވަނީ ކުޅުދުއްފުށި ސިޓީގައި ވެމްކޯގެ ޚިދުމަތް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ އަރބަން ސެންޓަރުތަކެއް ޤާއިމުކޮށް، މާލެއާ އެއްފެންވަރެއްގެ ޚިދުމަތްތަކެއް އެ ސަރަޙައްދުތަކުން ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރުން ކަމަށެވެ. މިކަމުގެ ސަބަބުން މާލޭގެ އާބާދީ މެދުނުކެނޑި އިތުރުވަމުންދާ މައްސަލައަށް ޙައްލެއް ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތަރައްޤީއާއި އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ސަބަބުން ރައްޔިތުންނަށް ފާހަގަކުރެވޭ މިންވަރަކަށް ލުއިފަސޭހަކަން ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
އެއްގޮތަކަށްވެސް މި ދަންނަވަނީ ކުދިކުދި ރައްރަށުން މީހުން ބާލާ ވާހަކެއް ނޫން. ތަރައްޤީއާއި އާބާދީ އެއްފަސްކުރީމަ އެމީހުން އަމިއްލައަށް އެތަންތަނަށް އަންނާނެ."
އަބްދުއްރަހީމް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެމަނިކުފާނުގެ ވަޢުދުތައް އަވަސް ދުވެއްޔެއްގައި ފުއްދަވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ސިޓީތަކަށް ދެއްވާ އިސްކަން ފާހަގަކުރައްވައި، ރައީސްގެ ވަޢުދުފުޅުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އަރބަން ސެންޓަރުތަކެއް ތަރައްޤީކުރުން ހިމެނޭކަން ވެސް ފާހަގަކުރެއްވިއެވެ.
އަދި ރާއްޖެ ތަރައްޤީކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭއިރު، ކޮންމެ ރަށެއްގައި އަސާސީ ޚިދުމަތްތައް ޤާއިމުކޮށް، އެންމެހައި ޚިދުމަތްތައް ލިބޭނެ މަގު ތަނަވަސްކުރަން ޖެހޭކަމަށް ވިދާޅުވިއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ ތަރައްޤީއާއި އާބާދީ އެއްފަސްކުރުމުގެ ސިޔާސަތެއް ގެންގުޅުން ކަމަށާއި، އާބާދީ ބޮޑެތި ރަށްރަށް ތަރައްޤީކުރުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީގެ ކަންކަން ކުރިއަށް ގެންދިއުމަށް މުހިންމު ކަމެއް ކަމުގައި ވެސް މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.
ވެރިކަންކުރާ ޕާޓީ، ޕީ.އެން.ސީގެ ޗެއަރޕާސަން ކަމުގައިވެސް ހުންނެވި ޢަބްދުއްރަޙީމް ވިދާޅުވީ، ޤައުމު މިހާރު ކުރިމަތިލަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، މި ގޮތުން، ކޮންމެ ސަރުކާރަކަށްވެސް 500 ނުވަތަ 700 މީހުންގެ އާބާދީއެއް އޮންނަ ރަށްތަކުގައި ހުރިހާ ޚިދުމަތެއް ޤާއިމުކުރުމަކީ ގޮންޖެހުންތަކެއް ހުރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސަބަބުން ރައްޔިތުންނަށް ލުއިފަސޭހަކަން ލިބިގެންދާނެ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި މި ގޮތަށް ތަޢާރަފުކުރެވޭ ކޮންމެ އައު ޚިދުމަތަކާ އެކު ރައްޔިތުންނަށް ފަސޭހަކަމާއި ކުރިއެރުން ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނުވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!