ޔުނީފޯމް އަޅައިގެން ޚިދުމަތްދޭ ކޮންމެ އޮފިސަރަކީ ރައްޔިތުންނަށް ނަޒާހަތްތެރިކަމާއެކު ޚިދުމަތްދޭ އޮފިސަރެއްކަން ކަށަވަރުކުރަށްވާނެކަމަށް ދާޚިލީ ސަލާމަތާއިި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ދާޚިލީ ވަޒީރު އިހްސާން މިހެން ވިދާޅުވީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް 134 އަހަރު ފުރުމާއި ގުޅިގެން ދިދަ ނެގުމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ދާޚިލީ ވަޒީރުގެ ވާހަކާގައި ވަނީ ކަސްޓަމްސްގެ ޚިދުމަތަކީ ދިނުމަށް ފަސޭހަ ޚިދުމަތެއް ނޫންކަން ފާހަގަކުރައްވާފައެވެ. އަދި ޔުނީފޯމް އެޅި މުއައްސަސާތަކުގެ މުވައްޒަފުން ދޭ އެއްވެސް ޚިދުމަތަކީ އޭގެ ޒާތުގައި ފަސޭހަ ޚިދުމަތެއް ނޫން ކަމަށް ވިދާޅުވިއެވެ.

ކަސްޓަމްސްގެ ޚިދުމަތަކީ ރާއްޖޭގެ ބޯޑަރުތަކުގެ ކައިރިންދޭ އެންމެ އުނދަގޫ އެއް ޚިދުމަތް ކަމަށާއި، ރައްޔިތުންނާއި ގާތުން ސަލާމަތީ ކަންކަން ކަށަވަރު ކުރުމާއެކު އެ ޚިދުމަތަކީ ދިނުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ވަޒީރު ވަނީ ފާހަގަކުރަށްވާފައެވެ.

ވަޒީރު ވިދާޅުވީ، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ޔުނީފޯމް އެޅި އޮފިސަރުން މިހާރަށްވުރެވެސް މަތީ ހިސާބެއްގައި ހިފެއްޓޭތޯ ބައްލަވާނެ ކަމަށެވެ. އެ ހިފަހައްޓާ ހިފެއްޓުމުގައި ޤާނޫނު ތަންފީޒު ކުރައްވާނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ބޯޑަރު ސެކިއުރިޓީގެ އިތުރުން ރާއްޖޭގެ ރައްޔިތުންނަށް ޓްރޭޑް ފެސިލިޓޭޝަން ފޯރުކޮށްދެމުންދާއިރު ޚިދުމަތް ވީހާވެސް ގާތުން ރައްޔިތުން އެދޭ ގޮތަށް ބައްޓަން ކުރުމަކީ އެދިވަޑައިގަންނަވާ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.