މިދިޔަ ސީޒަންގައި ސްޕެނިޝް ލަލީގާގެ ޖިރޯނާގައި މޮޅަށް ކުޅުނު ބްރެޒިލްގެ ވިންގަރ ސަވީނިއޯ، މެންޗެސްޓާ ސިޓީއަށް ބަދަލުވެއްޖެއެވެ.
އުމުރުން 20 އަހަރުގެ ސަވީނީއޯ ސިޓީއަށް ބަދަލުވެފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން، 40 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގައެވެ. އޭނާ ސިޓީއާއިއެކު އެކުލަވާލި އެއްބަސްވުން ހަމަވާނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
ސަވީނިއޯގެ ސީނިއާ ކެރިއާ ފަށާފައި ވަނީ ބްރެޒިލްގެ އެތުލެޓިކޯ މިނެއިރޯއިންނެވެ. އެއަށްފަހު 2022 ވަނަ އަހަރު އޭނާ ބަދަލުވީ ފްރާންސްގެ ދެވަނަ ފަންތީގެ ލީގުގެ ޓްރޮޔެސްއަށެވެ. އެ ޓީމުން އެ އަހަރު ލޯނު އެއްބަސްވުމެއްގެ ދަށުން ޑަޗް ލީގުގެ ޕީއެސްވީއަށް އޭނާ ދޫކޮށްލިއެވެ. 2022/23 ސީޒަންގައި އޭނާ ހުރީ ޕީއެސްވީގައެވެ. އެ ސީޒަންގައި އެ ޓީމަށް އޭނާ ކުޅެފައިވަނީ އެންމެ އަށް މެޗެވެ.
ޖެހިގެންއައި (2023/24) ސީޒަންގައި ޓްރޮޔެސް އިން ސަވީނިއޯ ލޯން އެއްބަސްވުމެއްގެ ދަށުން ސްޕެނިޝް ލީގުގެ ޖިރޯނާއަށް ދޫކޮށްލިއެވެ. މިދިޔަ ސީޒަންގައި އޭނާ ވަނީ ޖިރޯނާގައި މޮޅު ކުޅުމެއް ދައްކާފައެވެ. ލީގުގައި ކުޅުނު 38 މެޗުގައި އޭނާ ވަނީ 11 ލަނޑުޖަހައި 10 ލަނޑު ޖަހަން އެސިސްޓްކޮށްދީފައެވެ. ޖިރޯނާ ވަނީ ލަލީގާގެ ތިންވަނާގައި ސީޒަން ނިންމައި ކުލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުން ޖާގަ ހޯދާފައެވެ.
މިދިޔަ ސީޒަންގައި ދެއްކި މޮޅު ކުޅުމާއިއެކު ސަވީނިއޯ ވަނީ ދާދިފަހުން ނިމިދިޔަ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތަށް ބްރެޒިލުން އެކުލަވާލި ޓީމުން ވެސް އޭނާއަށް ޖާގަ ދީފައެވެ. ކޮޕަ އެމެރިކާގެ ބައެއް މެޗުތަކުގައި އޭނާ ކުޅެފައިވާއިރު، ޕެރަގުއޭއާއި ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ ލަނޑުޖަހާފައެވެ.
ސިޓީއަށް ބަދަލުވުމަށް ފަހު އޭނާ ބުނެފައިވަނީ ސިޓީއަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ މޮޅު ކުލަބް ކަމަށާއި، ގާޑިއޯލާގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނީތީ ވަރަށް އުފަލުން ހުރިކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!