ކޮންމެ ޤައުމެއްގައި ހުއްޓަސް، ތިމަންނަޔަކީ ފަޚުރުވެރި މުސްލިމެއްކަން ހަނދާންނެތިގެން ނުވާނެ ކަމަށާއި، އެ ހަނދާން އަބަދުވެސް ހުންނަންޖެހޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރޭ ހުޅުމާލެ ހުރަވީ ސުކޫލުގައި ބޭއްވި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސްކޮލަރޝިޕްގެ ލިޔުން ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ސްކޮލާޝިޕް ހާސިލްކުރި ދަރިވަރުންނަށް މަރުޙަބާ ވިދާޅުވުމަށްފަހު ވިދާޅުވީ، އެ ކުދިންގެ ދިރިއުޅުން ފެށުނީ އަދި ކިރިޔާ ކަމަށެވެ. އެހެންނަމަވެސް، ދެން އޮތް މަރުހަލާ ފަށަނީ، ވަރަށް މުހިންމު މަރުޙަލާއެއް ކަޑައްތު ކުރުމަށްފަހު، އެ ރާސްތާއަށް ދިއުމަށްޓަކައި ވަރަށް މުހިންމު ކަންތައްތަކެއް ހާސިލު ކުރުމަށްފަހުގަައި ކަމަށް ރައީސް ވިދާޅުވިއެވެ.
އެކުދިން ކުރިމަތިލަނީ ވަރަށްބުރަ ދުވަސްތަކަކާއިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ހަޔާތުގައި ކިޔެވުމުގައި އެކުދިން ހޭދަކުރި ދުވަސްތަކުގައި، ހޯދި ކާމިޔާބީން ހިތްވަރު ލިބިގަނެ، ކޮންމެ ކުއްޖެއްގެ ހަޔާތް، ވަރަށް ކާމިޔާބާއެކީގައި ކުރިއަށް ގެންދިޔުމަށް ޢަޒުމް ކަނޑައަޅަން ޖެހޭ ކަމަށެވެ.
’’އަމިއްލަ ނަފުސަށް އިތުބާރުކޮށް، ތިމަންނާގެ ދިރިއުޅުން، ތިމަންނައަށްޓަކައި، ތިމަންނަގެ މައިންބަފައިންނަށްޓަކައި، މުޖުތަމަޢަށްޓަކައި، ޤައުމަށްޓަކައި އެންމެރަނގަޅު ގޮތުގައި ބައްޓަންކުރުމުގެ ޢަޒުމް މިރޭ ކަނޑައަޅަން އެބަޖެހޭ. އެ ޢަޒުމް ކަނޑައަޅާއިރުގައި އެންމެފުރަތަމަވެސް ހަނދާނަށް ގެންނަންޖެހޭނީ، ތިމަންނައަކީ މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ހުރި ފަޚުރުވެރި މުސްލިމެއްކަން.’’ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ ކުދިން އެ ފަށަނީ ވަރަށްބޮޑު ދަތުރެއްކަމަށާއި، އެއީ އެކި ޤައުމުތަކަށް މަތީ ތަޢުލީމު ހާސިލުކުރުމަށް، އެކި ލެވެލްތަކަށް، ޑިގްރީ، މާސްޓަރސް، ޕީ.އެޗް.ޑީ. އަށް ކިޔެވުމަށް ފަށާ ދަތުރެއް ކަމަށެވެ.
’’މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ތިބި ކުދިންކަން، ތިބި ބަޔެއްކަން އެއީ، ހިނދުކޮޅަކަށްވެސް ހަނދާންނެތިގެން ގޮސްގެންވާނެ ކަމެއްނޫން.’’ ރައީސް މުޢިއްޒު
ރައީސް އެކުދިންނަށް އެމަނިކުފާނުގެ ތަޖުރިބާގެ އަލީގައި ހަނދާންކޮށްދެއްވީ އެކި ޤައުމުތަކަށް ކިޔަވަން ދާއިރުގައި، އެ ޤައުމުތަކުގައި ކަންކަން ހުންނާނީކީއެއް ރާއްޖޭގައި ކަންކަން ހުރިގޮތަށް ނޫންކަމެވެ. އަދި ވަރަށް ފަސޭހައިން ހަނދާންނެތޭތަން އަންނަކަމަށާއި، ބައެއް ކުދިންނަށް، ހަނދާންނެތޭ ކަމަށާއި އެއީ އެއްގޮތަކަށްވެސް ވެގެންވާނެ ގޮތެއްނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
’’މި ދުނިޔެއަށްފަހު އަދި މިއަށްވުރެ މާ މުހިންމު،
ދެން އޮތް ދުނިޔެ. އޭގެމަތިން ހަނދާންނެތިގެން ނުވާނެ. ކޮންމެތަނެއްގައި ހުއްޓަސް ފަރުޟު ފަސްނަމާދު ބަރާބަރަށް އަދާކުރުމަށް ހަނދާން ބަހައްޓަން ޖެހޭނެ. ފަރުޟް ފަސްނަމާދު އެއީ، އޮޕްޝަނަކަށް ވެގެންނުވާނެ.’’ ރައީސް މުޢިއްޒު
ކިޔެވުމުގެ މަސައްކަތުގައި، ވަރަށް ޑިމާންޑިންގ ކޯސްތަކުގައި އެކިކުދިން އެކި ދާއިރާތަކުން ކިޔަވާއިރު އުނދަގޫތައް ހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
’’އެހެންނަމަވެސް، ތިމަންނަޔަކީ ފަޚުރުވެރި މުސްލިމެއްކަން ހަނދާންނެތިގެން ނުވާނެ. އެ ހަނދާން އަބަދުވެސް ހުންނަންޖެހޭނެ. އެއީ، ވާޖިބެއް އަދާކުރަންޖެހޭ. އެ ބިންގާ ވަރުގަދަޔަށް ގާއިމުކުރެވިއްޖިއްޔާ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް’’ ރައީސް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!