ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީގެ ނިންމުން ބަދަލުކޮށް މެންބަރުންނާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން ފުރާ އެންމެންނަށް ވީއައިޕީ ޚިދުމަތް ނުދޭ ގޮތަށް ފާސްކޮށްފިއެވެ.

19ވަނަ ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ވަނީ، މަޖިލިސް މެންބަރުންނާ އެކު ފުރާ ހުރިހާ އެންމެންނަށް ވީއައިއޭގެ ވީއައިޕީ ލައުންޖުން ޚިދުމަތް ދިނުމަށް ފާސްކޮށްފައެވެ. އެހެންވެ އެ ދައުރު ނިންމާލީ އެ ގޮތަށެވެ. 18 އަދި 17 ވަނަ މަޖިލީހުގައި ވެސް އަމަލުކޮށްފައި ވަނީ މި އުސޫލުންނެވެ.

Ad
rt

20 ވަނަ މަޖިލީހުގެ މިއަދު ބޭއްވި އާންމު ކޮމެޓީގެ ބައްދަލުވުމުގައި ވަނީ 19 ވަނަ މަޖިލީހުގެ ނިންމުން ދަމަހައްޓާފައެވެ. ނަމަވެސް މިރޭ އަލުން ކޮމެޓީގެ ބައްދުލުވުމެއް ބާއްވައި އެ ނިންމުން ވަނީ ބަދަލުކޮށްފައެވެ.

މިގޮތުން ރައްޔިތުންގެ މަޖިލީހުން މިރޭ ބުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ވީއައިޕީ ލައުންޖުގެ ޚިދުމަތް ބޭނުންކުރުމާ ގުޅޭގޮތުން މިއަދު މެންދުރު އާންމު ކޮމިޓީން ނިންމި ނިންމުން މުރާޖައާކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މެންބަރުންގެ އާއިލާއަށް އެކަނި އެ ޚިދުމަތް ލިބޭގޮތަށް ބޭއްވުމަށް މިރޭގެ ކޮމެޓީގެ ބައްދަލުވުން ފާސްކޮށްފައިވާ ކަމަށެވެ.

މިރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ފޭދޫ ދެކުނު ދައިރާގެ މެންބަރު އިބްރާހީމް ދީދީ ހުށައެޅުއްވީ ވީއައިޕީގެ ޚިދުމަތް މެންބަރުންނާއި އެ މެންބަރުންގެ އާއިލާއަށް ޚިދުމަތްދޭ ގޮތް ހެދުމަށެވެ. އެ ހުށައެޅުން ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ.

މަޖިލީހުގެ އައު ދައުރެއް ފެށުމާއެކު މަޖިލީހުގެ ޤަވާޢިދަށް ބަދަލުތައް ގެނެއެވެ. މިދިޔަ 19 ވަނަ މަޖިލީހުން ވަނީ މުޅިން އައު ގަވާއިދެއް ހަދައި ޢަމަލުކުރާން ފަށާފައެވެ. އަދި 20 ވަނަ މަޖިލީހުން އަންނަނީ އެ ޤަވާޢިދަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނެސް ފާސްކުރަމުންނެވެ.