އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (ޕޮލިސް ކޮލެޖު)ގައި ކިޔަވަމުން އަންނަ ގިނަ ދަރިވަރުންތަކެއް ބަލިވެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

ފުލުހުން ބުނީ، ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ބަލިވެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މިވަގުތު އެނދުމަތިކޮށް ފަރުވާދެމުން އަންނަކަމަށެވެ.

Ad
rt

މިކަން ދިމާވި ސަބަބު ހޮސްޕިޓަލް މެދުވެރިކޮށް ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނިގޮތުގައި ޝައްކުކުރެވެނީ މިކަން ދިމާވި ކާނާ ވިހަވުމުގެ ސަބަބުން ކަމަށެވެ.

ބަލިވެގެން ފަރުވާ ދެނީ ކިތައް ދަރިވަރުންނަށް ކަމެއް އަދި ފުލުހުން ނުބުނެއެވެ.

ފުލުހުންނަށް ފުލުހުންގެ ޚިދުމަތުގެ ދާއިރާއިން ތަމްރީނާއި ތަޢުލީމް ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ހުޅުވާފައި ވަނީ 27 މާރިޗް 2022 ގައެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ރަސްމީކޮށް ހުޅުވުމަށްފަހު އެކޮލެޖުގައި ކިޔެވުންފަށައި އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހެކެވެ. މީގެ އިތުރުންވެސް ފުލުހުންނަށް ހާއްސަ ތަފާތު ތަމްރީނު ކޯސްތައް ކުރިއަށް ގެންދެއެވެ.