ސްވިޒަލެންޑްގެ ކުޅަދާނަ އެޓޭކިން މިޑްފީލްޑަރ ޒެރްޑަން ޝަކީރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

ޖަރުމަނުގެ ބަޔާން މިއުނިކަށާއި ޕްރިމިއާ ލީގުގެ ލިވަޕޫލަށް ވެސް ކުޅުނު އުމުރުން 32 އަހަރުގެ ޝަކީރީ އޭނާ ގައުމީ ޓީމުން ރިޓަޔަރ ކުރަން ނިންމާފައިވާކަން ހާމަކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު އިންސްޓްގްރާމްގައި ކުރި ޕޯސްޓްއް މެދުވެރިކޮށެވެ.

Ad
rt

ކްލަބް ފުޓްބޯޅައިގައި ވެސް މޮޅަށްކުޅޭ ޝަކީރީ އެންމެ ބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ ގައުމީ ޓީމުގައި ވަރަށް މޮޅަށް ކުޅޭ ކުޅުންތެރިއެއްގެ ގޮތުގައެވެ. 2010 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފަށައި، އޭނާ ވަނީ ސްވިޒަލެންޑާއިއެކު ބޮޑު ހަތް މުބާރާތެއްގައި ކުޅެފައެވެ. މިގޮތުން އެންމެ ފަހުން ބޭއްވި ޔޫރޯ ތިން ފުޓްބޯޅަ މުބާރާތާއި ތިން ވޯލްޑް ކަޕްގައި ކުޅެ އޭނާ ވަނީ މި ކޮންމެ މުބާރާތެއްގައި ލަނޑުޖަހާފައެވެ. އޭނާވެފައިވަނީ ވޯލްޑްކަޕް ތިން މުބާރާތާއި ޔޫރޯ ތިން މުބާރާތުގައި ލަނޑުޖެހި ހަމައެކަނި ކުޅުންތެރިޔާއަށެވެ.

މިދިޔަ އާދީއްތަ ދުވަހު ޖަރުމަނުގައި ނިމިގެންދިޔަ ޔޫރޫ ފުޓްބޯޅަ މުބާރާތުގައި ވެސް އޭނާ ކުޅުނެވެ. ނަމަވެސް އެ ޓީމްގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބެއެވެ. ގްރޫޕް ސްޓޭޖުގައި ސްވިޒަލެންޑާއި ސްކޮޓްލެންޑް ބައްދަލުކޮށް އެއްވަރުވި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ އޭނާ ލަނޑު ޖެހިއެވެ. ސްވިޒަލެންޑް މުބާރާތުން ކެޓީ ކުއާޓާގައި އިންގްލެންޑް އަތުން ޕެނަލްޓީ ޖަހައިގެން ބަލިވުމުންނެވެ.

ޝަކީރީ ވަނީ ގައުމީ ޖޯޒީގައި 125 މެޗު ކުޅެފައެވެ. އެ މެޗުތަކުގައި އޭނާ ވަނީ 32 ލަނޑު ޖަހާފައެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމިކަން އިއުލާންކޮށް އޭނާ ކުރި ޕޯސްޓްގައި ބުނީ ގައުމީ ޓީމުގައި ހޭދަކުރެވުނު 14 އަހަރު ދުވަހު ކުޅެވުނު ހަތް މުބާރާތާއި ޖަހައިދެވުނު ލަނޑުތަކަކީ ހަދާނުން ދުވަހަކު ވެސް ފުހެވިގެން ނުދާނޭ ވަގުތުތަކެއް ކަމަށެވެ.

ގައުމީ ޓީމްގައި ހޭދަކުރި ދުވަސްތައް ހަންދާން އާކުރަމުން އޭނާ ބުނީ މިއީ އަލްވަދާއު ކިޔަންވީ ވަގުތުކަމަށާއި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށެވެ.

ޝަކީރީ ވަނީ ސްވިސް ލީގުގު ތިންފަހަރު އަދި ޖަރުމަނު ލީގު ތިންފަހަރު ކާމިޔާބު ކޮށްފައެވެ. ކުލަބް ފުޓްބޯޅައިގައި ޝަކީރީ މިވަގުތު ކުޅެމުން އަންނަނީ އެމެރިކާ ލީގުގެ ޝިކާގޯ ފަޔަރ އަށެވެ.