ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބު އައްޔަނުކުރުމަށް، އޭނާގެ ނަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަގާމު ހުސްވެފައިވާތީ، އެ ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމަށް އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވައިލީ 6 ޖޫން 2024 ގައެވެ.
މި ފުރުސަތުގެ ދަށުން ކުރިމަތިލި ފަރާތްތަކުގެ ނަންތައް ރައީސް އޮފީހުން މަޖިލީހަށް ފޮނުވީ މި މަހުގެ 10 ވަނަ ދުވަހުއެވެ. މި ނަންތައް ފޮނުއްވިއިރު، އެ މަގާމަށް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ނަމެއްގެ ގޮތުގައި ޚިޔާރުކުރައްވާފައިވަނީ އީސީގައި ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތް ކުރައްވާފައިވާ ހަބީބުގެ ނަމެވެ.
އީސީގެ މެންބަރުކަން ދެ ދައުރު ފުރުއްވާފައިވާ ހަބީބަކީ ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމް ހާސިލް ކުރަށްވައިގެން ހުންނެވި ބޭފުޅެކެވެ. ހަބީބު ވަނީ އީސީގައި 21 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ.
ޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ މިއަދު މަޖިލީހުގެ ޖަލްސާގައި އޮތީ އެޖެންޑާކޮށްފައެވެ.
ހަބީބުގެ އިތުރުން މި މަގާމަށް އެދި އިތުރު 14 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ.
އެޗްއާރުސީއެމްގެ މެންބަރަކު އައްޔަން ކުރެއްވުމަށް ހުޅުވާލީ އެ ކޮމިޝަނުގެ މެންބަރު ޑރ. އަޙްމަދު އަދުހަމް ޢަބްދުﷲ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!