މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު 2000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އަދި ކަމާގުޅުންހުރި މުއައްސަސާތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވީ، މިސަރުކާރު ހަވާލުވިފަހުން މިހާތަނަށް ޤަވާއިދާ ޚިލާފަށް އުޅެމުން ދިޔަ 2013 ބިދޭސީއަކު ރާއްޖެ ނާދެވޭނެހެން ޑީޕޯޓްކޮށްލާފައިވާކަމަށެވެ.

Ad
rt

މިގޮތުން ރާއްޖެއިން ޑީޕޯޓްކޮށްފައިވާ ބިދޭސީންގެ ތެރޭގައި ސީރިއަސް އެކި މައްސަލަތަކުގައި ހިމެނޭ ބިދޭސީން ވެސް ތިބި ކަމަށް ޝަމްޢާން ވިދާޅުވިއެވެ. އަދި އެމައުލޫމާތު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިއީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ފަށާފައިވާ ބޮޑު އޮޕަރޭޝަންގައި މިހާތަނަށް ޖުމްލަ 120 މީހުން އިމިގްރޭޝަންގެ ދަށަށް ގެނެވި، އެމީހުން ފުރުވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ޝަމްއާން ވިދާޅުވިއެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން އަދިވެސް ދަނީ ކުރިއަށް ކަމަށާއި، މިއަދާއި މާދަމާ ވެސް ހަމަ އެ އޮޕަރޭޝަން ކުރިއަށް ގެންދާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިމިގްރޭޝަންގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ޢަމަލު ކުރުމަށް ކޮންޓްރޯލަރ ޝަމްޢާން މީގެ ކުރިންވެސް އިލްތިމާސްކުރައްވާފައެވެ.