ގަވާއިދާ ހިލާފަށްއުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އިމިގްރޭޝަންގެ ވެހިކަލަކަށް ބިދޭސީއަކު ގެއްލުންދީފި އެވެ.
އިމިގްރޭޝަނުން މިރޭ ޓްވިޓަރގައި ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، މިރޭ މާލޭގައި ހުރި 4 ޓޭކްއަވޭ/ކެފޭ ބަލައި ފާސްކޮށް، 6 ބިދޭސީ ފިރިހެނުންނާއި އެއް އަންހެނަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. މީގެ ތެރެއިން 3 ބިދޭސީން ހިންގަމުންދިޔަ ކެފޭއެއް ވަނީ ބަންދުކުރެވިފައެވެ.
ވެރިރަށް މާލޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަނެއްގެ ތެރެއިން މިރޭ 7 ބިދޭސީން ހައްޔަރުކޮށްފައިވާއިރު މީގެ ތެރޭގައި އިމިގްރޭޝަންގެ ވެހިކަލަކަށް ގެއްލުން ދިން ބިދޭސީއެއްވެސް ހިމެނޭކަމަށް މަޢުލޫމާތު ދީފައިވައެވެ.
އިމިގްރޭޝަނުން ބުނީ މި ފަރާތްތަކާމެދު އިމިގްރޭޝަން ޤާނޫނުގެ ދަށުން އެންމެ ހަރުކަށި ފިޔަވަޅު އެޅިގެންދާނެ ކަމަށެވެ.
މިއީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ފަށާފައިވާ ބޮޑު އޮޕަރޭޝަނެއްގެ ބައެކެވެ. މި އޮޕަރޭޝަންގައި މިދިޔަ މަހުގެ 29 އިން ފެށިގެން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް 100 އަށްވުރެއްގިނަ ބިދޭސީން ވަނީ ހައްޔަރުކުރެވިފައެވެ.
އިމިގްރޭޝަނުން އިތުރަށް ބުނީ ހައްޔަރުކުރެވޭ ބިދޭސީންގެ ލިޔެކިޔުންތައް ހަމަކޮށް، ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި ސަރުކާރު ވެރިކަމަށް އައި ފަހުން މިހާތަނަށް 1،900 އާ ގާތްކުރާ އަދަދަކަށް ބިދޭސީން ރާއްޖެއިން ޑީޕޯޓް ކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލައަށް ފުރިހަމަ ހައްލެއް ނުލިބެނީސް ދޫނުދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!