މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން މިއަދު ހާމަކުރި ގޮތުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މިރޭ ވިއްސާރަ ކުރާނެތީ މޫސުމަށް ސަމާލުވުމަށް އާންމުންނަށް އިލްތިމާސް ކޮށްފިއެވެ.

މެޓް އޮފީހުން ދިން މަޢުލޫމާތުގައިވާ ގޮތުން، މިރޭ 18:00 އިން ފެށިގެން މާދަމާ ހެނދުނު 6:00 އާ ހަމައަށް އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާ ކުރެވެއެވެ. އަދި ހަމައެއާއެކު، ދެކުނުގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.

Ad
rt

މީގެއިތުރުން، މެދު ރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ހާމަކޮށްފައިވެއެވެ. އެގޮތުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭއިރު، ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާވާ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ނަމަވެސް، ދެކުނު އަތޮޅުތަކަށް ކަނޑުތައް މަޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ފާހަގަކޮށްފައިވެއެވެ.

މޫސުމީ ގޮތުން ބަލާއިރު، ޖުލައި މަހަކީ ރާއްޖެއަށް ވިއްސާރަ ކުރާ ދުވަސްވަރެއް ކަމަށް ފާހަގަކުރެވެއެވެ. އެހެންކަމުން، މި ދުވަސްވަރު މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.