އެމެރިކާގެ ބޮޑު ޓެލެކޮމިއުނިކޭޝަން ކުންފުންޏެއް ކަމުގައިވާ އޭޓީއެންޓީގެ ގާތްގަނޑަކަށް ހުރިހާ ކަސްޓަމަރުންގެ ފޯނު ރެކޯޑުތައް ހެކަރުން ވަގަށް ނަގައިފިކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ހުކުރު ދުވަހު އޭޓީއެންޓީން ހާމަކުރި ގޮތުގައި، އެ ކުންފުނީގެ 109 މިލިއަން ކަސްޓަމަރުންގެ ފޯނު އަދި މެސެޖު ރެކޯޑުތައް ވަގަށްނަގާފައިވަނީ މިދިޔަ އޭޕްރީލް މަހުގައެވެ. އަދި މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ވަގަށްނެގި މަޢުލޫމާތުގެ ތެރޭގައި 2022 ވަނަ އަހަރުގެ މޭ މަހުން އޮކްޓޯބަރު މަހާ ހަމައަށް ހުރި ރެކޯޑުތައް ހިމެނެއެވެ. ނަމަވެސް މި މަޢުލޫމާތުގެ ތެރޭގައި ފޯނު ކޯލުތަކުގެ އަޑު އަދި މެސެޖުތަކުގެ ކޮންޓެންޓް ނުހިމެނޭކަމަށް އޭޓީއެންޓީން ބުނެފައިވެއެވެ. އޭގެ ބަދަލުގައި ހިމެނެނީ ގުޅާފައިވާ ނަންބަރުތަކާއި، ގުޅުމުގެ އަދަދާއި، ގުޅުމުގެ ދިގުމިނެވެ.
މި ހެކިންގ އާ ގުޅިގެން އޭޓީއެންޓީން މަޢާފަށް އެދި، މިފަދަ ކަންކަމުން ކަސްޓަމަރުންގެ މަޢުލޫމާތު ރައްކާތެރިކުރުމަށް މަސައްކަތްކުރާނެ ކަމަށް ބުނެފައިވެއެވެ. އަދި މިހާރު އިތުރު މިފަދަ ހެކިންގ އަކުން ސިސްޓަމް ރައްކާތެރިކޮށްފައިވާ ކަމަށާއި، ވަގަށްނެގި މަޢުލޫމާތު އާންމުކޮށް ލިބެން ނެތް ކަމަށްވެސް ކުންފުނިން ބުނެފައިވެއެވެ.
މާހިރުން ބުނާ ގޮތުގައި މި މަޢުލޫމާތު ބޭނުންކޮށްގެން މީހުންގެ މަސައްކަތުގެ ތަންތަނާއި، ގާތްގަނޑަކަށް ދިރިއުޅޭ ތަންތަނާއި، އަދި އެކުގައި މަސައްކަތްކުރާ މީހުންނާއި ރައްޓެހިން ދެނެގަނެވިދާނެއެވެ. މީގެ އިތުރުން މިދިޔަ އަހަރު އޭޓީއެންޓީގެ 73 މިލިއަން ކުރީގެ އަދި މިހާރުގެ ކަސްޓަމަރުންގެ 2019 ގެ މަޢުލޫމާތު ވަގަށްނަގައި "ޑާކް ވެބް" ގައި ޝާއިޢުކޮށްފައިވާ ކަމަށްވެސް ކުންފުނިން ހާމަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!