ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.
މިގޮތަށް ފާސްކޮށްފައިވަނީ ހުޅުލޭގައި ހުންނަ ސީޕްލޭން ޓާމިނަލުގައި ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައެވެ. ހިއްސާގެ ފައިދާ ބަހަން ފާސްވީ، ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99 އިންސައްތަ ވޯޓުންނެވެ.
ރޭގެ ޖަލްސާގައި އެސްޓީއޯގެ ހިއްސާދާރުންގެ ތެރެއިން 189 މީހުން ބައިވެރިވިއެވެ.
މިއީ ފާއިތުވި 17 ވަރަކަށް އަހަރުތެރޭ އެ ކުންފުނިން ހިއްސާއަކަށް ބަހަން ފާސްކުރި އެންމެ މަތީ އަދަދެވެ.
އެސްޓީއޯ އަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ 2022 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނު 18.2 ބިލިއަން ރުފިޔާއަށްވުރެ 1.8 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.
މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 819 މިލިއަން ރުފިޔާ ލިބުނުއިރު 2022 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ކުންފުންޏަށް ލިބިފައިވަނީ 728 މިލިއަން ރުފިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!