ނުކުޅެދުންތެރިކަން ހުންނަ ދެ މީހަކަށް، ކޮންރަޑް މޯލްޑިވްސް، ރަންގަލި ރިސޯޓުން ވަޒީފާ ހަމަޖައްސައިދީފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް އެ ވުޒާރާއިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިންޓަރންޝިޕް އަދި ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުން ހިމެނޭ ކަމަށެވެ.

Ad
rt

މިގޮތުން މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ އެއް ފަރާތެއް އިންޓަރްޝިޕްގެ ގޮތުގައި އަދި އެއް ފަރާތެއް ސީޒަނަލް މުވައްޒަފެއްގެ ގޮތުގައި ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގައި މަސައްކަތް ފަށައިފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، އެ ފަރާތްތަކަށް ބޭނުންވާ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމުތަކާއި، ވަޒީފާގެ ފުރުޞަތުތަކާއި އިންޓަރންޝިޕް ޕްރޮގުރާމުތައް ހިންގުމަށް މި އަހަރުގެ މާރިޗު މަހުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ތިން ރިސޯޓަކާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

އެ ރިސޯޓުތަކަކީ، ކޮންރެޑް މޯލްޑިވްސްގެ ރަންގަލި އައިލެންޑް ރިސޯޓާއި، ވަލްޑޯފް އެސްޓޯރިއާމޯލްޑިވްސް އިތާފުށި، އަދި ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓް އެންޑް ސްޕާ އެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މި ރިސޯޓުތަކާއެކު ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމްތައް މެދުވެރިކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް މިވަގުތު ބޭނުންވާ ތަފާތު ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް އެއްބަސްވެފައެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފައިވާގޮތުގައި މި ޕްރޮގްރާމްގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަސައްކަތުގެ މައިދާނުގައި ބޭނުންވާ ތަޖުރިބާ ލިބި، ފަތުރުވެރިކަމުގެ ދާއިރާގައި އެފަރާތްތަކަށްލިބޭ ފުރުޞަތުތައް އިތުރުވެގެންދާނެއެވެ. އަދި މީގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ޝާމިލްކުރެވިގެންދާ ސިނާއަތަކަށްވެގެންދާނެއެވެ.