މާލޭގައި 2019 ވަނަ އަހަރު ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ބައެއް ގެތައް އަނދައި ހުލިވި މައްސަލާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ދެއްކުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ފަސްކުރަން ހައި ކޯޓުން އަމުރުކޮށްފި އެވެ.

ކެމިކަލް ރައްކާކުރާ ގުދަނެއްގައި ސެޕްޓެމްބަރު, 2019 ގައި ހިނގި އެ އަލިފާނުގެ ހާދިސާ ކޮންޓްރޯލްނުވެ, ކައިރީގައި ހުރި އެތައް ގެއެއް އަނދައި, ބޭނުން ނުކުރެވޭ މިންވަރަށް ގެއްލުންވި އެވެ. އޭގެ ތެރެއިން ހ. އީވާއު ކިޔާ ގެއަށް ލިބުނު ގެއްލުމަށް ބަދަލުގެ ގޮތުގައި 3.2 މިލިއަން ރުފިޔާ އާއި ހ. އީރާނުގެއަށް ލިބުނު ގެއްލުންތަކަށް ބަދަލެއްގެ ގޮތުން 1.4 މިލިއަން ރުފިޔާ އަދި ހ. ރަދުވާނިގެއަށް ލިބުނު ގެއްލުމަށް 2.4 މިލިއަން ރުފިޔާގެ ބަދަލެއް އެ ގޭގެ ވެރިފަރާތްތަކަށް ދޭން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކުރި އެވެ.

Ad
rt

ސިވިލް ކޯޓުން އެ ފައިސާ ދައްކަން ހުކުމްކުރީ ރޯވި ގުދަން ހިންގި ގްރީން ޕާތު ކުންފުނީގެ މައްޗަށެވެ.

އެ މައްސަލަ އެ ކުންފުނީގެ ފަރާތުން އިސްތިއުނާފް ކުރުމަށްފަހު އެ ފައިސާ ދެއްކުން ފަސްކުރުމުގެ އަމުރަކަށް ހައި ކޯޓުގައި އެދުމުން އެ ކޯޓުން މިދިޔަ މަހުގެ ފަހުކޮޅު ނެރުނު އަމުރުގައިވަނީ ސިވިލް ކޯޓުގެ ހުކުމުގެ ދަށުން އެ ކޯޓަށް ދައްކާ ފައިސާ ހައި ކޯޓުން ވަކި ގޮތެއް އަންގަންދެން އެއްވެސް ފަރާތަކަށް ދޫނުކޮށް ހިފެހެއްޓުމަށެވެ.

މާލޭގައި މިފަހުން ހިނގި އެންމެ ބޮޑު އަލިފާނުގެ އެ ހާދިސާގައި އެކަކު ފިހިގެން މަރުވި އެވެ.