ހދ. ކުޅުދުއްފުށީ ސިޓީގައި ހުންނަ ހދ. އަތޮޅު ރައްވެހިގެ އާއި އެ ގޯތި ހިމެނޭހެން މަލްޓި-ކޮމާޝަލް ބިލްޑިންގެއް ތަރައްޤީކޮށް، ހިންގައި، މެނޭޖްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުޞަތު ހދ. އަތޮޅު ކައުންސިލްގެ އިދާރާއިން ހުޅުވާލައިފިއެވެ.
މި މަޝްރޫޢުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ރާއްޖޭގެ އަދި ބޭރުގެ އިންވެސްޓަރުންނަށް އީއޯއައި ހުށަހެޅިދާނެކަމަށް ކައުންސިލުން ބުނެފައިވެއެވެ.
މިބިން ކުއްޔަށް ދިނުމުގެ އެއްބަސްވުން ވެވޭނީ 50 އަހަރުގެ މުއްދަތަށް ކަމަށް ކައުންސިލުން ބުނެއެވެ. ހުށައެޅޭނެ އެންމެ ކުޑަ ކުއްޔަކީ މަހަކު 50,000 ރުފިޔާއެވެ.
ގޯތީގެ ތަފްސީލު:
• ޖުމްލަ ބޮޑުމިން: 23,084 އަކަފޫޓު
• ބެހިފައިވާ ގޮތް: ދެ ގޯއްޗަކަށް ބަހާލެވިފައި، ކޮންމެ ގޯއްޗެއްގެ ބޮޑުމިނަކީ 11,542 އަކަފޫޓު
• ތަރައްޤީކުރުމުގެ އޮޕްޝަންތައް:
- އެއް ގޯތި (11,542 އަކަފޫޓު) ތަރައްޤީކުރުން
- ދެ ގޯތި އެއްކޮށް (23,084 އަކަފޫޓު) ތަރައްޤީކުރުން
• ބިން ތައްޔާރުކުރުން: މިހާރު ހުރި އިމާރާތްތައް ތަޅާލައި ބިން ސާފުކުރުމުގެ ހުއްދަ ދެވޭނެއެވެ.

މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ ކޮމާޝަލް ބިލްޑިންގ 2026 ވަނަ އަހަރުގެ ނިޔަލަށް ނިންމަންޖެހޭނެކަމަށް ކައުންސިލުން ބުނެފައިވެއެވެ. އީއޯއައި ހުށަހެޅުމުގެ ސުންގަޑިއަކީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުގެ 13:30 އެވެ.
އީއޯއައި ލިބުމުން، ހުށަހަޅާ ފަރާތްތަކުގެ ތަޖުރިބާއާއި ޤާބިލުކަމަށް ބަލައި އިބްތިދާއީ އިވެލުއޭޝަނެއް ކައުންސިލުން ހަދާނެކަމަށާއި، މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމައިފިނަމަ، ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް ތަފްސީލީ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ދެވޭނެކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!