ފަލަސްތީނުގެ ޣައްޒާގެ ޑެޕިއުޓީ ލޭބާ މިނިސްޓަރު އެހާބް އަލް-ގުސެއިން މިއަދު އިސްރާއީލްގެ ހަމަލާއެއްގައި ޝަހީދުވެއްޖެއެވެ.
ރިޕޯޓުތަކުން ދައްކާގޮތުގައި އެހާބް އަލް-ގުސެއިން ޝަހީދުވެފައިވަނީ އިސްރާއީލްގެ އަސްކަރިއްޔާއިން ޣައްޒާ ސިޓީއަށް ވައިގެ މަގުން ދިން ހަމަލާއެއްގައެވެ. މި ހަމަލާގައި އިތުރު ދެ ފަލަސްތީނު ރައްޔިތަކުވެސް ޝަހީދުވެފައިވެއެވެ.
ޣައްޒާގެ ސިވިލް ޑިފެންސް ޓީމުން މަޢުލޫމާތު ދީފައިވާ ގޮތުގައި އިސްރާއީލުން މި ހަމަލާ ދީފައިވަނީ ޣައްޒާ ސިޓީގެ ސްކޫލަކަށް އަމާޒުކޮށެވެ. މި ހަމަލާގައި މިހާތަނަށް ހަތަރު މީހެއްގެ ހަށިގަނޑު ފެނިފައިވާ އިރު، ޒަޚަމްވެފައިވާ މީހުންގެ އަދަދު ވަރަށް ގިނަ ކަމަށް އެ ޓީމުން ބުނެފައިވެއެވެ.
ހަމަލާ ދިން ސްކޫލަކީ ޣައްޒާގައި ދިރިއުޅޭ ވަރަށް ގިނަ ބަޔަކު ވަގުތީ ބޯހިޔާވަހިކަން ހޯދަމުން އައި ތަނެކެވެ. އާންމުވެފައިވާ ވީޑިއޯ ފޫޓޭޖަކުން ފެންނަނީ އެ ސްކޫލްގެ ގްރައުންޑް ފްލޯއަށް އިސްރާއީލުން ބޮން އެޅި މަންޒަރެވެ.
މި ހަމަލާގައި ޝަހީދުވި މީހުންނާއި ޒަޚަމްވި މީހުން ގެންގޮސްފައިވަނީ ޣައްޒާ ސިޓީގައި ހުންނަ އަލް-އަހްލީ އަރަބް ހޮސްޕިޓަލަށް ކަމަށް ރިޕޯޓުތަކުން ދައްކައެވެ.
މި ހަމަލާއާ ގުޅިގެން އިސްރާއީލުން މިހާތަނަށް އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!