ލާމަރުކަޒީ ނިޒާމުގެ ދަށުން އެކުލަވާލެވިފައިވާ ކައުންސިލްތައް މިހާރު އޮތީ ދައުލަތަށް ނުކެތޭ މިންވަރަށް ބޮޑުކޮށްކަމަށް ވާތީ އަތޮޅުތަކުގެ ރަށްރަށުގެ ރަށު ކައުންސިލަރުންގެ އަދަދު މަދުކޮށް، އަތޮޅު ކައުންސިލް ހިމެނޭ ގޮތަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މި ވާހަކަ ރައީސް ވިދާޅުވެފައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސް ވިދާޅުވި ގޮތުގައި، 300 އެއްހާ މީހުން ދިރިއުޅޭ ރަށެއް ތަމްސީލުކުރުމަށް ހަތް ކައުންސިލަރުން ތިބުމަކީ ބަޖެޓުން ބޮޑު ޚަރަދެއް ކައުންސިލްތައް ހިންގުމަށް ހިނގާނެ ކަމެއް ކަމަށެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި، ކައުންސިލްތައް އޮތް ގޮތް ބަދަލުކުރުމަށް އިޞްލާޙު ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، އާބާދީގެ ގޮތުން ކުދި ރަށްތަކަށް ކައުންސިލްގެ ރައީސަކާއި ނައިބު ރައީސެއް ހޮވުމުން ފުދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ނިސްބަތުން ބޮޑެތި ރަށްތަކަށާއި ސިޓީތަކަށް މި އަދަދު އިތުރުކޮށްލެވިދާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މިހާރަށްވުރެ އެތައް ގުނައަކުން ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި، ރައްޔިތުންގެ ވިންދާ ގުޅޭ ގޮތް ކަމަށެވެ. މި ބަދަލުތަކުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ކުރާ ޚަރަދު ކުޑަވެ، ކައުންސިލްތައް ހިންގުމަށް ފަސޭހަވާނެ ކަމަށް ބެލެވެއެވެ.

މި އިޞްލާޙުތައް ތަންފީޛުކުރެވިއްޖެނަމަ، ދައުލަތުގެ ޚަރަދުތަކުން ފާހަގަކޮށްލެވޭ މިންވަރެއް ޚަރަދު ކުޑަކުރެވޭނެކަމަށާއި ޚަރަދު ކުޑަކުރެވޭ ފައިސާ ބޭނުންކޮށްގެން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ގިނަގުނަ މަޝްރޫޢުތަކެއް ހިންގުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތުން، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމާއި، ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމާއި، ތަޢުލީމީ ދާއިރާ ކުރިއެރުވުމާއި، މިސްކިތްތައް އިމާރާތްކުރުމާއި، އިޖްތިމާޢީ ރައްކާތެރިކަމުގެ އެތައް މަޝްރޫޢުއެއް ހިންގުމަށް މި ފައިސާ އިންވެސްޓްކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، މިހާރު އަތޮޅު ކައުންސިލްތައް އިންތިޚާބުކުރެވެނީ އޭގެ އަސްލު މަޤްޞަދު ގެއްލިފައިވާ ގޮތަކަށެވެ.

"ކޮންމެ ރަށު ކައުންސިލެއްގެ ރައީސަކީ އަތޮޅު ކައުންސިލްގެ މެންބަރެކެވެ. އޭގެ އިތުރުން އަތޮޅު ކައުންސިލްގެ ރައީސެއް ހުރެއެވެ. އަތޮޅު ކައުންސިލްގެ ބައްދަލުވުންތައް ގިނަ ފަހަރަށް އޮންލައިންކޮށް ނޫނީ ނުބޭއްވޭ، ސަބަބަކީ ކައުންސިލްގެ ރައީސް ސީދާ ހާޒިރުވާން ޖެހޭތީއެވެ،" ރައީސް ވިދާޅުވިއެވެ.

އެހެންކަމުން، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި، ހަރުދަނާ އަދި ނަތީޖާ ޙާޞިލުކުރެވޭ ކައުންސިލްތަކަކަށް ބަދަލުކުރުމަށްޓަކައި، ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ހުށަހަޅުއްވާނެ ކަމަށް ރައީސް އިޢުލާންކުރެއްވިއެވެ.