ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން އުރުގުއޭ އަތުން ބަލިވެ ބްރެޒިލް ކަޓައިފިއެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގެ ފަހު މެޗުގައި މިއަދު ހެނދުނު އުރުގުއޭ އާއި ބްރެޒިލް ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 0-0 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. މި އަހަރު ކޮޕަ އެމެރިކާގެ ނޮކައުޓް މެޗުތައް އެއްވަރު ވެއްޖެނަމަ އިތުރު ވަގުތުގެ ދެހާފް ނުކުޅު، ނަތީޖާ ނެރުމަށް ޖަހަނީ ޕއެނަލްޓީއެވެ. މިގޮތުން ޕެނަލްޓީގައި އުރުގުއޭއިން ބްރެޒިލް މައްޗަށް ކުރި ހޯދީ 4-2 ގެ ނަތީޖާއިންނެވެ.
ދެ ޓީމްގެ ފަރާތުން އަވަސް ފިޒިކަލް ގޭމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ހޯދިފައި ނުވެއެވެ. ފައުލް ގިނަކޮށް ފެނުނު މި މެޗުގެ ފަހު ފަނަރަ މިނެޓް އުރުގުއޭއިން ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ރޮޑްރިގޯއަށް ކުރިފައުލަކާއި ގުޅިގެން އުރުގުއޭގެ ނަތަން ނަންޑޭޒްއަށް ރެފްރީ ވަނީ ރަތްކާޑެއް ދައްކާފައެވެ. ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު ކާޑު ވަނީ ރަތަށް ބަދަލު ކޮށްފައެވެ.
މެޗުގައި ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އުރުގުއޭގެ ފުރަތަމަ ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ވަލްވަޑޭއެވެ. ބްރެޒިލްގެ ފުރަތަމަ ޕެނަލްޓީ މިލިއާޓޯ ފޮނުވާލިއިރު އުރުގުއޭގެ ކީޕަރު ރޮޗޭ ވަނީ ހުއްޓުވާފައެވެ. އުރުގުއޭގެ ދެވަނަ ޕެނަލްޓީ ބެންޓެންކުއާ ކާމިޔާބުކުރި އިރު ބްރެޒިލްގެ ދެވަނަ ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ޕެރޭރާއެވެ. އުރުގުއޭގެ ތިންވަނަ ޕެނަލްޓީ އަރެސްކާޓޭ ކާމިޔާބުކުރި އިރު، ބްރެޒިލްގެ ތިންވަނަ ޕެނަލްޓީ ކާމިޔާބެއް ނުވިއެވެ. ޑަގުލަސް ކޮސްޓާ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އުރުގުއޭގެ ހަތަރުވަނަ ޕެނަލްޓީ ހިމެނޭޒް ފޮނުވާލިއިރު ބްރެޒިލްގެ ކީޕަރ އެލިސަން ވަނީ މަތަކޮށްފައެވެ. ބްރެޒިލްގެ ހަތަރުވަނަ ޕެނަލްޓީ މާޓިނެލީ ކާމިޔާބު ކުރި ނަމަވެސް އުރުގުއޭގެ އުގާޓޭ ޕެނަލްޓީ ވައްދާލުމުން އެ ޓީމް މޮޅުވީއެވެ.
ސެމީ ފައިނަލުގައި އުރުގުއޭ ނުކުންނާނީ ކޮލަމްބިއާއާއި ދެކޮޅަށެވެ. އާޖެންޓީނާ ނުކުންނާނީ ކެނަޑާއާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!