ދޮޅު އަހަރަށްފަހު ރާއްޖެއިން ހިމަބިހި ފެނިފައިވާކަމަށް ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދޮޅު އަހަރަށްފަހު ރާއްޖޭންވެސް ހިމަބިހި ފެނިއްޖެކަމަށާއި، ދަރިފުޅުގެ ވެކްސިން ކާޑު ޗެކް ކުރަށްވައި، ހަނދާންނެތިގެންވެސް ނުޖެހި ހުރި ވެކްސިންތައް ހަމަކުރެއްވުމަށެވެ. އަދި ވެކްސިން ނުޖަހާ ހުއްޓާ އެއިން ރައްކާތެރިކޮށްދޭ ބައްޔެއް ޖެހިއްޖެނަމަ އެ ކޮންޓުރޯލް ކުރެވޭނޭ ގޮތްތައް ރާއްޖޭގައިވެސް މަދުވާނެ ކަމަށް ޑޮކްޓަރު ފައިސަލް ވިދާޅުވެފައި ވެއެވެ. ޑޮކްޓަރު ފައިސަލް މިގޮތަށް ޓުވީޓު ކުރެއްވީ ސީއެންއެން އިން ޑަބްލިއުއެޗްއޯ އާއި ހަވާލާދީ ކޮންގޯ އިން ހިމަބިހިޖެހިގެން 6000 އަށް ވުރެ ގިނަމީހުން މަރުވެފައިވާކަމަށް ބުނެފައިވާ ޚަބަރެއް ޝެއާ ކުރައްވާފައެވެ.

Ad
rt

ޑޮކްޓަރު ފައިސަލްވަނީ ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެގައަށް ހިމަބިހި އަޔަ ނުދިނުމަށް އަވަސްވެ ފިޔަވަޅު އެޅުމަށްވެސް ގޮވާލައްވާފައެވެ. އެދުވަހު ޑޮކްޓަރު ފައިސަލް ކަމާބެހޭ ފަރާތްތައް ސަމާލުވުމަށް އެދިލައްވައި ކުރެއްވި ޓުވީޓެއްގައި ވަނީ ރާއްޖެއަށް ހިމަބިހި އެތެރެ ނުވުމަށްޓަކައި، ރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ މަސައްކަތްތެރިންނަށް ހިމަބިހީގެ ވެކްސިން ޖަހަންވާނީ ލަފާދީފައިކަމަށެވެ. އަދި ހިމަބިހިނެތް ގައުމެއްގެ ގޮތުގައި ދެމިއޮވެވޭނީ މިކަން ކޮށްގެންކަމަށާއި، ރާއްޖެ ވަށައިގެންހުރި ހުރިހާގައުމެއްގައި ހިމަބިހި އުޅޭކަމުގެ އިންޒާރު އެދުވަހު ޑޮކްޓަރު ދެއްވިއެވެ. އެ ޓުވީޓުގައި އިމިގްރޭޝަނާއި ރައީސް އޮފީސް ޓެގް ކުރައްވާފައި ވެއެވެ.

"ކޮންޓުރޯލް ކުރެވޭނެ ހަމައެކަނި ގޮތަކީ މީސްލްސް،MR ، MMR މިއިން ކޮންމެވެސް އެއްޗެއްގެ 2 ޑޯޒް ހަމަކޮށްފައިހުރުން ހިމަބިހި ޖެހިފައި ހުރި މީހަކު ތަނެއްގައި މަޑުކޮށްލައިގެން އިނދެފައި ދިޔަޔަސް 1 ގަޑިއިރުވަންދެން އެ ވައިރަސް އެތަނުގައިހުރޭ. އަދި އެތަނަށްއަންނަ އެހެންމީހުންނަށް ޖެހޭނެ " ޑޮކްޓަރު ފައިސަލް އިތުރަށް ވިދާޅުވެފައި ވެއެވެ.