ރ. ކިނޮޅަހު ކައުންސިލުން، މާލޭ ސަރަހައްދުގައި ދިރިއުޅޭ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަކީ އެކުގައި މަސައްކަތްކުރުމުގެ ރީތި މަރުޙަލާއެއްކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ކިނޮޅަހު ކައުންސިލުން މާލޭ ސަރަހައްދުގައި ދިރިއުޅޭ އެރަށުގެ ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

މާލޭ އިމާދުއްދީން ސްކޫލްގައި ބޭއްވި މި ބައްދަލުވުމަކީ ކިނޮޅަހު ކައުންސިލްގެ ތަރައްގީގެ ޕްލޭން ހާސިލް ކުރެވުނު މިންވަރާއި، ކުރިއަށް ކުރުމަށް ރާވާފައި ހުރިކަންކަން ރައްޔިތުންނާއި ހިއްސާކޮށް ޚިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމެކެވެ. މިއީ އާންމުކޮށް ރަށު ކައުންސިލްތަކުން ކުރަމުން އަންނަ ކަމެއްނޫނެވެ.

ރޭގެ މި ބައްދަލުވުމުގައި ރ. އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ވަޒީރު އާދަމް ޝަރީފާއި، ކިނޮޅަސް ހިމެނޭ، އިނގުރައިދޫ ދާއިރާގެ މެންބަރު، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕީޖީ ލީޑަރު އިބްރާޙީމް ފަލާޙް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުން އެ ކައުންސިލްގެ ޕޭޖުން ''ވޮއިސް.އެމްވީ'' މެދުވެރިކޮށް ލައިވްކޮށްފައިވާއިރު، މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، ނިސްބަތުން އާބާދީ ކުޑަ ރަށެއްގެ މާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކޮށް މި ފަދަ ބައްދަލުވުމެއް އިންތިޒާމުކުރުން އެއީ މި ފަދަ ލާމަރުކަޒީ ނިޒާމުގެ ވަރަށް ޚާއްޞަ ސިފައެއްކަމަށެވެ.

''އަޅުގަނޑު ޤަބޫލްކުރާ ގޮތުން މިއަދު ކިނޮޅަހު ކައުންސިލުން ޙަޤީޤަތުގައި މި ފުރިހަމަ ކުރީ ލާމަރުކަޒީ ނިޒާމު ވަށައިޖެހިގެން ރައްޔިތުން ބާރުވެރިކުރުމާއި، ރައްޔިތުން ޝާމިލްކޮށްގެންނާއި، އެކުގައި މަސައްކަތްކުރުމުގައި ރީތި މަރުޙަލާއެއް.'' ވަޒީރު ވިދާޅުވެފަވެއެވެ.

ވަޒީރު އާދަމް ޝަރީފް ވަނީ ކިނޮޅަހު ކައުންސިލްގެ މި މަސަަައްކަތަށް ޝުކުރު އަދާކުރަށްވާފައެވެ.