ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި މިއަދު ހެނދުނު ބްރެޒިލްއާއި ކޮލަމްބިއާ ބައްދަލުކުރި މެޗު އެއްވަރުވެ (1-1) ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ކުއާޓާ ފައިނަލުން ކޮލަމްބިއާ ޖާގަ ހޯދައިފިއެވެ.
މި ގްރޫޕްގައި ކޮލަމްބިއާއި އިން ވަނީ ކޮސްޓަރިކާއާއި ޕެރަގުއޭ ބަލިކޮށް އަދި ބްރެޒިލްއާއި އެއްވަރުކޮށް ހަތް ޕޮއިންޓް ހޯދައި ގްރޫޕް އެއްވަނަ ހޯދާފައެވެ. ބްރެޒިލް ގްރޫޕް ދެވަނައަށް ދިޔައީ ފަސް ޕޮއިންޓާއި އެކުއެވެ. ފުރަތަމަ މެޗުގައި ކޮސްޓަރިކާ އަތުން އެއްވަރުވީއިރު ބްރެޒިލް މޮޅުވީ ޕެރަގުއޭ އަތުން އެކަންޏެވެ. ގްރޫޕްގެ ތިންވަނަ ހޯދީ ކޮސްޓަރިކާއެވެ. ޕޮއިންޓެއް ނުލިބި ފުލަށް ދިޔައީ ޕެރަގުއޭ އެވެ.
ބްރެޒިލް އަށް ގްރޫޕްގެ ދެވަނަ ލިބުމުން އެ ޓީމް ކުއާޓާގައި ވާދަކުރަން ޖެހޭނީ، މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމް ކަމަށްވާ އުރުގުއޭއާއެވެ. ކޮލަމްބިއާ ކުއާޓާގައި ވާދަކުރަން ޖެހޭނީ ޕެނަމާއާއެވެ.
2022 ވަނަ އަހަރުގެ ފެބްރުއަރީ އަށް ފަހު މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ކޮލަމްބިއާ ބަލިވެފައި ނުވެއެވެ. ފާއިތުވި މުއްދަތުގައި އެ ޓީމުން ވަނީ ބަލިނުވެ 25 މެޗު ކުޅެފައެވެ. އެއީ އެ ޓީމްގެ ތާރީހުގައި ވެސް މެޗަކުން ބަލިނުވެ އެންމެ ގިނަ މެޗު ކުޅުނު ފަހަރެވެ.
ރޭ މެޗުގައި ދެ ޓީމްގެ ފަރާތުން ފެނިފައި ވަނީ ވަރަށް ހަމަހަމަ ކުޅުމެކެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ބްރެޒިލުންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި ކޮލަމްބިއާގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން މި ލަނޑު ޖަހައިދިނީ ރަފީނިއާއެވެ. ކޮލަމްބިއާއިން ނަތީޖާ ހަމަހަމަ ކޮށްފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ ޑެނިއަލް މުނޯޒް ޖެހި ލަނޑުންނެވެ.
މުބާރާތުގެ ކުއާޓާ މެޗުތައް ފަށާނީ އަންނަ ހުކުރު ދުވަހުއެވެ. ކުއާޓާގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާއި އިކުއެޑޯއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!