ހދ. ހަނިމާދޫގައި އިމާރާތް ކުރަންފަށާފައިވާ ހައުސިންގ ޔުނިޓް ތަކުގެ ޓެކްނިކަލް އެސެސްމަންޓްތައް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

އިއްޔެ ހައުސިންގ މިނިސްޓްރީއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ "ހދ. ހަނިމާދޫގައި އިމާރާތް ކުރަންފަށާފައިވާ 100 ހައުސިންގ ޔުނިޓް ތަކުގެ ޓެކްނިކަލް އެސެސްމަންޓްތައް ހެދުމުގެ މަސައްކަތް ފަށައިފި ކަމަށެވެ."

Ad
rt

ހައުސިންގ މިނިސްޓްރީގެ ޓީމެއް އިއްޔެ ވަނީ ހަނިމާދޫއަށް ޒިޔާރަތްކޮށް، އެމަސައްކަތް ފަށާފައެވެ. އެޓީމުން އިއްޔެ ވަނީ ހަނިމާދޫ ކައުންސިލާވެސް ބައްދަލުކޮށްފައެވެ.

މިކަމާއި ގުޅިގެން ހަނިމާދޫ ކައުންސިލަށް ގުޅުމުން އެކައުންސިލުން މައުލޫމާތުދެއްވި ގޮތުގައި މިވަގުތު ހައުސިންގ ޔުނިޓް ތަކުގެ ޓެކްނިކަލް އެސެސްމަންޓް ހެދޭ މިންވަރަށް އިމާރާތް ކުރެވިފައި ހުރީ 52 ހައުސިންގ ޔުނިޓް ކަމަށެވެ. އަދި އެ ޕްރޮޖެކްޓްގައި ޖުމްލަ ހިމެނެނީ 136 ހައުސިންގ ޔުނިޓް ކަމަށާއި، އޭގެ ތެރެއިން މަސައްކަތް ފެށި އެކި މިންވަރަށް ހެދިފައި ހުރީ 52 ހައުސިންގ ޔުނިޓް ކަމަށެވެ.

ހަނިމާދޫގައި 136 ހައުސިންގ ޔުނިޓް އެޅުމުގެ ޕްރޮޖެކްޓް ނޫމަޑިއާއި ހަވާލުކުރީ ރައީސް މުޙައްމަދު ވަޙީދުގެ ސަރުކާރުގައި 2013 ވަނަ އަހަރުއެވެ. އޭގެ ތެރެއިން މަސައްކަތް ފެށުނީ 52 ހައުސިންގ ޔުނިޓެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ނޫމަޑި ކުންފުންޏާ ޖެހުނު މައްސަލަތަކުގައި އެ ޕްރޮޖެކްޓް ނޫމަޑިއަތުން އަތުލުމުން އެ ގެތަކުގެ މަސައްކަތް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.