ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ކުޅުނު މެޗުތައް ކާމިޔާބުކޮށް، ނެދަލެންޑްސްއާއި ތުރުކީ 16 އަހަރަށްފަހު ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުން ތުރުކީ ޖާގަ ހޯދީ ދެވަނަ ބުރުގައި 2-1 ގެ ނަތީޖާއިން އޮސްޓްރިއާ ބަލިކޮށްގެންނެވެ. ނެދަލެންޑްސް ކުއާޓާއިން ޖާގަ ހޯދީ ދެވަނަ ބުރުގައި 3-0 ގެ ނަތީޖާއިން ރުމޭނިއާ ބަލިކޮށްގެންނެވެ.

Ad
rt

ނެދަލެންޑްސް އާއި ތުރުކީ އެންމެ ފަހުން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާގައި ކުޅެފައި ވަނީ 2008 ވަނަ އަހަރުގެ މުބާރާތުގައެވެ. އެ އަހަރު މުބާރާތުގައި ތުރުކީ ވަނީ ސެމީ ފައިނަލުގައި ކުޅެފައެވެ. ތުރުކީ އެ އަހަރު ސެމީފައިނަލުން ކެޓީ ޖަރުމަނު އަތުން ބަލިވެގެންނެވެ.

2012 ވަނަ އަހަރު މުބާރާތުގެ ގޫރޫޕް ސްޓޭޖުން ނެދަލެންޑްސް ކެއޓިއިރު، ޖެހިގެންއައި 2016 ވަނަ އަހަރުގެ މުބާރާތަށް އެ ޓީމް ކޮލިފައި ނުވެއެވެ. އެންމެ ފަހުން 2020 ވަނަ އަހަރު ބޭއްވި ޔޫރޯ މުބާރާތުގެ ދެވަނަ ބުރާއި ހިސާބަށް ނެދަލެންޑްސް ދަތުރުކުރި ނަމަވެސް އެ ބުރު ފަހަނައަޅާ ދެވިފައި ނުވެއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި ނެދަލެންޑްސް ނުކުންނާނީ ތުރުކީއާއި ދެކޮޅަށެވެ. ކުއާޓާ ފައިނަލުގެ މެޗުތައް ފަށާނީ އަންނަ ހުކުރު ދުވަހުގެ ރޭ ޖަރުމަނާއި ސްޕެއިން ވާދަކުރާ މެޗުންނެވެ.

ރޭ ނެދަލެންޑްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މެޗުގައި، އެ ޓީމަށް ލަނޑުތައް ޖަހައިދިނީ ގަކްޕޯއާއި މާލެންއެވެ. މާލެން ވަނީ މެޗުގައި ދެ ލަނޑު ޖަހާފައެވެ.

ދެވަނަ ބުރުގައި ރޭ ތުރުކީއާއި އޮސްޓްރިއާ ބައްދަލު ކުރި މެޗުގައި ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މެޗުގައި ތުރުކީއަށް ދެ ލަނޑު ވެސް ޖަހައިދިނީ ޑިފެންޑަރ ޑެމިރަލްއެވެ. އޮސްޓްރިއާގެ ހަމައެކަނި ލަނޑު ޖަހައިދިނީ ގްރެގޮރިޓްޒް އެވެ.