ޕްރިޒަން އޮފިސަރަކަށް މަރުތޭލަކުން ހަމަލާދޭން އުޅުނު ދެ މީހަކު ފިލައިގެން އުޅެނިކޮށް ހޯދައި، ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ހުޅުމާލެ ޕްރިޒަންގައި މަސައްކަތްކުރާ އޮފިސަރަކަށް މަރުތޭލަކުން ބޮލުގައި ޖަހައި މާރާމާރީ ހިންގަން މަސައްކަތްކޮށްފައިވާ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. އިނގުރައިދޫ މިރިހިމާގޭ އުމުރުން 24 އަހަރުގެ އަޙްމަދު ޢިޔާޒް އާއި ގއ. މާމެންދޫ ގްލޭނޫރަންމާގޭ އުމުރުން 26 އަހަރުގެ އަޙްމަދު ރަބީޢުއެވެ.
މި މައްސަލަ އަކީ، ހުޅުމާލެ ޕްރިޒަންގައި މަސައްކަތްކުރާ އޮފިސަރަކު ސައިކަލުގައި ދުއްވާފައިދަނިކޮށް، އޭނާގެ ފަހަތުން އައި ސައިކަލެއްގައި ތިބި ދެމީހުންގެ ތެރެއިން ސައިކަލު ފަހަތުގައި އިން މީހާގެ އަތުގައި އޮތް މަރުތޭލަކުން ޕްރިޒަން އޮފިސަރުގެ ބޮލުގައި ޖަހައި މާރާމާރީ ހިންގަން މަސައްކަތްކޮށްފައިވާ މައްސަލައެކެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ތެރެއިން އަޙްމަދު ޢިޔާޒް، ރ. އިނގުރައިދޫ / މިރިހިމާގެ (24އ) ހައްޔަރުކޮށްފައިވަނީ ފިލައިގެން ގޮސް ހއ. ބާރަށުގައި ހުއްޓާ 2024 ޖޫން 14 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.
މި މައްސަލާގައި ހިމެނޭ، ޙްމަދު ރަބީޢު، ގއ. މާމެންދޫ / ގްލޭނޫރަންމާގެ (26އ) ހައްޔަރުކޮށްފައިވަނީ މާލޭގެ ގެސްޓް ހައުސްއެއްގައި ފިލައިގެން އުޅެނިކޮށް، 2024 ޖޫން މަހުގެ 20 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މިމައްސަލަ ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން ހާދިސާ ހިނގި ސަރަހައްދުގައި ހުރި ޕޮލިސް ކެމެރާ ފުޓޭޖްތަކާއި އިތުރު ކެމެރާ ފުޓޭޖްތައް ނަގައި ބެލިއިރު ހުޅުމާލެ ޕްރިޒަން ސަރަހައްދުގައި ސައިކަލެއްގައި ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ހުޅުމާލެ ޕްރިޒަންއިން ނުކުންނަ މުވައްޒަފުންނަށް ފާރަލަމުން ދިޔަކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުންޏެވެ.
ޕްރިޒަން އޮފިސަރަށް ހަމަލާ ދޭން މަސައްކަތްކޮށްފައިވަނީ ވީޑިއޯ ފުޓޭޖްތަކުން ފެންނަ ދެ މީހުން ކަން ފުލުހުންގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުން ވަނީ ކަށަވަރުކުރެވިފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.
މިހާދިސާގައި ޕްރިޒަން އޮފިސަރަށް އަނިޔާ ލިބިފައިނުވާއިރު، މި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ 2024 ޖޫން 11 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!