ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި އިންގްލެންޑާއި ސްލޮވާކިއާ ބައްދަލުކުރި މެޗު ހޯދި އުނދަގޫ މޮޅާއިއެކު، މުބާރާތުގެ ކުއާޓާ ފައިނަލުން އިންގްލެންޑް ޖާގަ ހޯދައިފިއެވެ. ރޭ ކުޅުނު މި މެޗު އިންގްލެންޑުން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއިންނެވެ.

ރޭ މެޗު ފަށައިގެން އިންގްލެންޑްގެ ފަރާތުން މާ އެދެވޭ ކުޅުމެއް ނުފެނުނެވެ. ނަތީޖާއެއްގެ ގޮތުން ސްލޮވާކިއާއިން ދިޔައީ އިންގްލެންޑްގެ ފަހަތަށް ބާރު ބޮޑުކުރަމުންނެވެ. ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުން ގޮސް އެ ޓީމުން ވަނީ މެޗުގެ 25 ވަނަ މިނެޓުގައި ލަނޑުޖަހައި ލީޑު ނަގާފައެވެ.

Ad
rt

މި ލަނޑު އެ ޓީމަށް ޖަހައިދިނީ އިވާން ޝްރަންޒް އެވެ. އެ ޓީމްގެ ސްޓްރެލެޗް ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، ޝްރަންޒް ވަނީ ހަމަޖެހިލައިފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ އޭނާ މި މުބާރާތުގައި ޖެހި ތިންވަނަ ލަނޑެވެ. މި ލަނޑާއިއެކު އޭނާ ވަނީ މިހާތަނަށް މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ. ދެން މި މުބާރާތުގައި މިހާތަނަށް ތިން ލަނޑު ޖަހާފައި ވަނީ ޖަރުމަނުގެ ޖަމާލް މުސިއާލާއާއި ޖޯޖިއާގެ މިކައުޓަޓްޒޭއާ އެވެ.

ފުރަތަމަ ހާފުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް، އިންގްލެންޑުން ވަނީ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ސްލޮވާކިއާއަށް ބާރު ބޮޑުކޮށްފައެވެ. ދެވަނަ ހާފުގެ ކުރީކޮޅު ފިލް ފޮޑެން ވަނީ އިންގްލެންޑަށް ލަނޑެއް ޖަހައިދީފައެވެ. ވީއޭއާރުން ބެލުމަށް ފަހު ފޮޑެން އޮފްސައިޑް ވުމުން ރެފްރީ ވަނީ ލަނޑު ކެންސަލް ކޮށްފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ފަހު މިނެޓާއި ހިސާބަށް ވެސް އިންގްލެންޑް އޮތީ ބަލިކޮށެވެ. މެޗުން އިންގްލެންޑް ސަލާމަތްވީ އިތުރު ވަގުތުގެ ފަހު ސިކުންތުކޮޅުތެރޭ ބެލިންގަމް ޖެހި މޮޅު ގޯލުންނެވެ. އޭރިއާތެރެއަށް އެއްލި ބޯޅަ ބެލިންހެމް ވަނީ އޯވަހޑް ކިކަކުން ޖަހައި އެ ބޯޅަ ގޯޅުގެ ކަނަށް ވައްދާލާފައެވެ.

ފުރިހަމަ ވަގުތު ހަމަވިއިރު އެއްވަރުވެފައި އޮތުމުން އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނުއިރު، މެޗުން އިންގްލެންޑް މޮޅުވެފައިވަނީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ހެރީ ކޭން ޖެހި ލަނޑުންނެވެ.

ކުއާޓާ ފައިނަލުގައި އިންގްލެންޑް ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ކަޓުވާލި ސްވިޒަލެންޑާއެވެ.