ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުން ސްވިޒަލެންޑް ޖާގަ ހޯދައިފިއެވެ.
މިރޭ ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ސްވިޒަލެންޑުން އިޓަލީގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި އިޓަލީގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް ދަށް ކުޅުމެކެވެ. މި ހާފުގައި އިޓަލީއަށް ސްވިޒަލެންޑްގެ ގޯލާއި އަމާޒުކޮށް ރަނގަޅު ހަމަލާއެއް ވެސް ފޮނުވާނުލެވުނެވެ.
މުޅި ފުރަތަމަ ހާފު އެއްކޮށް ޑޮމިނޭޓްކޮށް ރަނގަޅު ފުރުސަތުތަކެއް ސްވިޒަލެންޑުން ތަނަވަސް ކުރިއެވެ. މެޗުގެ 23 ވަނަ މިނެޓުގައި އެ ޓީމްގެ ފޯވާޑް، އެމްބޯލޯއަށް ލިބުނު ހުސް ފުރުސަތުގައި އިޓަލީގެ ގޯލުގެ މަތީކަނާއި ދިމާއަށް ފޮނުވާލި ބޯޅަ ހުޝިޔާރުކަމާއިއެކު އިޓަލީގެ ކީޕަރ ޑޮނަރުންމާ ވަނީ މަތަކޮށްފައެވެ.
ސްވިޒަލެންޑުން ލީޑު ނެގީ 37 ވަނަ މިނެޓުގައި ފެރޫލާ ޖެހި ލަނޑުންނެވެ. އަރިމަތިން އަރާ އިޓަލީގެ އޭރިއާތެރެއަށް ވާގަސް ހުރަސްކުރި ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ފެރޫލާ ފޮނުވާލި ބޯޅަ އިޓަލީގެ ގޯލަށް ވަދެފައިވަނީ އިޓަލީގެ ޑިފެންޑަރ މަންޗިނީ ފައިގައި ޖެހިފައި ކީޕަރ ޑޮނަރުންމާގެ ފައިގައި ޖެހިފައި ގޯލުގެ ކައިރި ކަނަށެވެ.
ދެވަނަ ހާފު ފަށައިގެން އިޓަލީއަށް ގޭމުގެ ތެރެއަށް ނުވަދެވި އުޅެނިކޮށް ފުރަތަމަ މިނެޓުގައި ސްވިޒަލެންޑަށް ދެވަނަ ލަނޑު ޖަހައިދިނީ ވާގަސްއެވެ. މައިކަލް އަބިޝަރ އިޓަލީގެ އޭރިއާތެރޭހުރި ވާގަސްއަށް ކުޅުނު ބޯޅަ ހުހަށްހުރެ ކޮންޓްރޯލް ކުރުމަށް ފަހު އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ. ރަނގަޅު ތަނުގައި ކީޕަރ ޑޮނަރުންމާ ހުރިނަމަވެސް އެ ބޯޅައަށް އޭނާ އަތްފޯރާ ގޮތެއް ނުވިއެވެ.
އިޓަލީގެ ފަރާތުން މުޅި މެޗުގައި ވެސް ވަރަށް ދަށް ކުޅުމެއް ފެނުނުއިރު، އެ ޓީމަށް ސްވިސްގެ ކީޕަރު ސޮމާ ޓެސްޓް ކޮށްލެވޭވަރުގެ ހަމަލާއެއް ފޮނުވާލެވިފައި ނުވެއެވެ.
ސްވިޒަލެންޑް ކްއާޓާ ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ ދެވަނަ ބުރުގައި މިރޭ ޖަރުމަނާއި ޑެންމާކް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!