މާފުށީ ޖަލުގައި އިއްޔެ ނިޔާވި، ށ. ފުނަދޫ ޒަމާނީ ވިލާ، މުހައްމަދު ޖަމީލު ހަރަކާތެއް ނެތި ސަޖިދައިގައި ހަތަރު ގަޑިއިރެއްހާއިރު އޮތް ކަމަށާއި އޭނާގެ ހަށިގަނޑުން ފެނުނު އަނިޔާތަކަކީ މީހެއްގެ ފުށުން ލިބުނު އަނިޔާތަކެއް ނޫން ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ޖަމީލުގެ މަރާއިގުޅިގެން މިއަދު ފުލުހުންނާއި ދާޚިލީ ވުޒާރާއާއި ކަރެކްޝަނަލް ސާވިސްއިން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަމީލު ހުރި ގޮޅީގައި ހަރުކޮށްފައިވާ ކެމެރާގައި ފޫޓޭޖް ވެސް ވަނީ ދައްކާފައެވެ.
އެ ފުޓޭޖުން ފެންނަ ގޮތުގައި ޖަމީލުގެ އެންމެ ފަހުގެ ހަރަކާތް ފެނިފައި ވަނީ އިއްޔެގެ 7:43 ހާއިރެވެ. އަދި އޭގެ ފަހުން އޭނާގެ ހަށިގަނޑުގެ އެއްވެސް ހަރަކާތެއް ނެތުމުން 11:34 ހާއިރު ޖަލުބަލަހައްޓާ އޮފިސަރުން ވަނީ ގޮޅިއަށް ވަދެފަ އެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ، އޭރުން ފެށިގެން 11:34 އާ ހަމައަށް އޮފިސަރުން ވަންނަންދެން މުހައްމަދު ޖަމީލު އޮތީ ސަޖިދައިގައި އޮންނަ ގޮތަށް ކަމަށެވެ.
އާއިލާ އިން ގަބޫލުނުވުމުން ޖަމީލުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ނުހަދައި ވަޅުލައިފި
އާއިލާ އިން ގަބޫލުނުވުމުން ޖަމީލުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ނުހަދައި ވަޅުލައިފި
ޖަމީލު އެގޮތަށް ހަރަކާތެއްނެތި ގިނައިރު އޮތުމުން ކަރެކްޝަންސް އިން ވަނީ އޭނާ މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސްފައިކަމަށާއި، ޖަމީލު އެތަނަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ފުލުހުންގެ ތަހުގީގަށް އިނގިފައިވާ ކަމަށް ސާމިހް ވިދާޅުވިއެވެ. އަދި އެކަން ސިއްހީ މަރުކަޒުން ފުލުހުންނަށް ޔަގީންކޮށްދީފައި ވަނީ އިއްޔެ 12:45 ހާއިރު ކަމަށް ސާމިހް ވިދާޅުވިއެވެ.
’’މުހައްމަދު ޖަމީލުގެ ހަށިގަނޑު ބެލިބެލުމުން ހަށިގަނޑުގައި ފާހަގަކުރެވޭ ނިޝާންތަކެއް ހުރި ނަމަވެސް އެ ހިނދާއި ހަމައަށް، އަދި މިއަދާއި ހަމައަށް އަޅުގަނޑުމެން ކުރި ތަހްގީގުން މުހައްމަދު ޖަމީލުގެ ހަށިގަނޑަށް ލިބިފައި ވަނީ އެއްވެސް ފަރާތަކުން ޖިސްމާނީގޮތުން ދީފައިވާ އަނިޔާތަކެއްކަމަށް ޤަބޫލެއް ނުކުރެވޭ’’ ސާމިހް ވިދާޅުވެފަވެއެވެ.
ޖަމީލުގެ މަރުގެ ތަހުގީގުގައި އޭނާ ހުރި ގޮޅިއަށް އިއްޔެ ފުލުހުން ވަދެފައިވާއިރު، ޕްރިޒަން އޮފިސަރުންނަށް ޖަމީލު ފެނިފައިވަނީ ނަމާދަށް، ސަޖިދާގައި އޮއްވާ ކަމަށް ތަހުގީގަށް މައުލޫމާތު ލިބިފައިވާ ކަމަށް ސާމިހް ވިދާޅުވިއެވެ.
ސާމިހް ވިދާޅުވީ، ޖަމީލްގެ އަނގައިންނާއި ނޭފަތުން ފޮނު ނުވަތަ ހޮޑު ޒާތުގެ އެއްޗެއް ފެނުނު ކަމަށެވެ. އަދި އޭނާ ގޮޅިން ފެނުނީ ސަޖިދައިގައި އޮއްވައި ކަމަށްވާއިރު، ބޯ ޖައްސާފައި ހުރި ހިއްސާބުން ވެސް ފޮނު ޒާތުގެ އެއްޗެއް ފެނުނު ކަމަށާއި، ޖަމީލަށް ކުޑަކަމު ދެވިފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ސާމިހް ވިދާޅުވިއެވެ.
ސާމިހް ވިދާޅުވިގޮތުގައި ޖަމީލަށް އެއް ވެސް ގޯނާއެއް ކޮށްފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް މިހާތަނަށް ފާހަގަކުރެވިފައި ނުވާކަމަށެވެ.
ޖަމީލަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހެކެވެ. އޭނާއަކީ ޖަލުގައި ހުރި އިރު، ނަފްސާނީ ބައްޔަށް ފަރުވާ ވެސް ހޯދަމުން އައި މީހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!