މާލޭގެ އިއްޒުއްދީން ފާލަން ނުވަތަ ރަސްމީ ފާލަން މަރާމާތު ނުކުރާތީ ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާ ކަމަށް ކޮންސްޓްރަކްޝަން، އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާ ބޮޑަށް ގޯސްވެފައި އޮއްވައި، ރަސްމީ ފާލަން މަރާމާތު ކުރުމުގެ މަސައްކަތަށް އެތައް ހޭދައެއް ކުރާތީ އާންމުންގެ ފާޑު ކިއުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

Ad
rt

އެކަމާ ގުޅިގެން މިނިސްޓަރު މުއްތަލިބް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްމީ ފާލަން މަރާމާތު ނުކޮށް އެތައް އަހަރެއް ވުމުން، އެ ފާލަމުގެ މަތީބައި ހަލާކުވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާ ކަމަށެވެ. އެހެންވެ، އަލުން އެ ފާލަން ހަދަން ނިންމައި އެމްޓީސީސީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް 14 ގައި ކަން އޭނާ ފާހަގަކުރެއްވިއެވެ. އެއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފަހުކޮޅެވެ.

"ރަސްމީ ފާލަމަކީ ވަރަށް ގިނަ ޓޫރިސްޓު ރިސޯޓުތަކުން ފީ ދައްކައިގެން ދައުލަތަށް އާމްދަނީ ލިބޭ ގޮތަށް ބޭނުންކުރާ ފާލަމަކަށް ވުމާ އެކު މި ފާލަން ރަނގަޅު ފެންވަރަކަށް ހެދުމަކީ ވަރަށް މުހިއްމު ކަމެކެވެ،" މުއްތަލިބް ވިދާޅުވިއެވެ.

މުއްތަލިބް ވަނީ ރަސްމީ ފާލަން ހަލާކުވެފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޯތައް ވެސް އާންމު ކުރައްވައިފައެވެ.

ރަސްމީ ފާލަން މަރާމާތު ކުރުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ. އެ މަޝްރޫއުއަށް 11 މިލިއަން ރުފިޔާ ހަރަދު ކުރެއެވެ. މި މަޝްރޫއުގެ ދަށުން ކުރީގެ ޖެޓީ ރޫޅާލުމާއި އާ ޖެޓީގެ ކޮންކްރީޓް މަސައްކަތާއި ސްޓީކް ސްޓްރަކްޗަރ ފަރުމާކުރުމާއި ލަކުޑި އަދި މަތިވަޑައިމުގެ މަސައްކަތް ހިމެނެއެވެ.

މަޝްރޫއު ނިންމަން ކަނޑައަޅާފައި ވަނީ 270 ދުވަހުގެ ތެރޭގައެވެ.