ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް މާދަމާ ފެށުމަށް ތައްޔާރުވެއްޖެެއެވެ.
މިއަހަރުގެ މުބާރާތް ހުޅުވާލައިފައިވަނީ އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށާއި ގުރްއާން ކުލާސްތަކުގެ އިތުރުން ހާފިޒުންނަށް ބައިވެރިވެވޭ ގޮތަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި މުބާރާތުގައި 119 މުއައްސަސާއަކުން 1029 ބައިވެރިން ވާދަކުރާނެ ކަމަށެވެ. އެއީ ސިޓީތަކުގެ 52 ސްކޫލަކުން 365 ބައިވެރިންނާއި އަތޮޅު ކައުންސިލުން 357 ބައިވެރިންނާއި އެހެނިހެން މުއައްސަސާތަކުން 292 ބައިވެރިންނާއި ހާފިޒުންގެ ބައިގައި ވާދަކުރާ 15 ބައިވެރިންނެވެ.
މިއަހަރުގެ މުބާރާތުގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން މިސްކިތުގެ ދެ ހޯލް ގައެވެ. އެގޮތުން ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށް ދާނީ ސަލްމާން މިސްކިތުގެ ހަތަރުވަނަ ފަންގިފިލާގެ އޮޑިޓޯރިއަމް ގައެވެ. ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން މިސްކިތުގެ ފަސްވަނަ ފަންގިފިލާގެ މަލްޓިޕާޕޮސް ހޯލް ގައެވެ.
މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 12:00 އަށް، ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:30 އަށް މުބާރާތުގެ ކިޔެވުން ކުރިއަށްދާނެ އެވެ. ހުކުރު ދުވަސްތަކުގައި ކިޔެވުން ކުރިއަށްދާނީ ހަވީރާއި ރޭގަނޑެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ މުބާރާތް ބާއްވަނީ މުޅި މުބާރާތުގެ ކަންކަން އަލުން މުރާޖައާކޮށް ގެނެވެން ހުރި ހެޔޮބަދަލުތައް ގެނައުމަށްފަހު ކަމަށެވެ. އެގޮތުން ރަށްރަށުން އަންނަ ދަރިވަރުން މާލޭގައި ގިނަ ދުވަހު ނުތިބެ ކިޔެވުން އަވަހަށް ނިންމާލެވޭނެ ގޮތަށް ކިޔެވުން ތާވަލްކޮށްފައިވާ ކަމަށް ބުންޏެވެ. އަދި މުބާރާތުގެ ވަނަވަނައަށް އަންނަ ފަރާތްތަކަށް ދެވޭ އިނާމާއި ހަނދާނީ ފިލާއާއި އައްޑަނައަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެސް އިސްލާމީ، ދިވެހިވަންތަ އަމިއްލަ ފަރުމާތަކަށް ބަދަލުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން މުބާރާތުގެ ބައިވެރިންނަށް ފަސޭހަ ކުރުމުގެ ގޮތުން މުބާރާތާއި ގުޅޭ ލުއި ފޮތެއް ތައްޔާރުކޮށް އެ ފޮތުގެ ޒަރިއްޔާއިން ބައިވެރިންނަށް މުހިއްމު ގަވާއިދުތަކާއި މުބާރާތް ކުރިއަށްދާ ގޮތުގެ ތަފްސީލް ލިބޭނެ އިންތިޒާމުވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސައިފައެވެ.
މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ މަހުގެ 12 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!