މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު އާންމުކުރި މައުލޫމާތުން ދައްކައިފިއެވެ.
މިގޮތުން މެޓު އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައެވެ. މި ސަމާލުގެ ވަގުތު ދީފައި ވަނީ މެންދުރުފަހު 15:00 އާއި ހަމައަށެވެ.
މި ސަމާލުގެ ވަގުތުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި 40 މޭލު ބާރުމިނުގައި ވައި ޖެހޭނެކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން މެޓު އޮފީހުން ނ. އަތޮޅުން ވ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް ފަތިހު ވަނީ ރީނދޫ ސަމާލު ވެސް ނެރެފައެވެ.
ވެރިރަށް މާލެ އަށް ވެސް ރޭ މެންދަމުން ފެށިގެން ވިއްސާރަ ކުރަމުން އަންނައިރު، ފަތިހާއި ހަމައަށް ބައެއް މަގުތަކުގައި ވަނީ ފެން ބޮޑުވެފައެވެ.
މެޓުން ބުނެފައިވާ ގޮތުގައި މިދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނަ ވާރޭ ވެހުނު ކަމަށް ރެކޯޑު ކުރެވިފައި ވަނީ އއ. ތޮއްޑޫ އަށެވެ. އެއީ 64.7 މިލިމީޓަރުގެ ވާރެއެވެ. ދެން އެންމެގިނައިން ވާރޭ ވެހުނީ 58.6 މިލިމީޓަރުގެ ވާރެ ވެހުނު ހުޅުމާލެ އަށެވެ. ތިންވަނަ އަށް އެންމެ ގިނައިން ވާރޭ ވެހުނީ މާލެ އަށެވެ. އެއީ 51.2 މިލިމީޓަރުގެ ވާރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!