ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މުހައްމަދު އާރިފް (ބަކާ) ނިޔާވީ ރާއްޖެ އިން އަލަށް ފެނުނު، ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލް ބަލީގައި ކަން އެނގިއްޖެއެވެ.
މިކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެއެވެ.
އެކަމަކު، އެޗްޕީއޭގެ އޮފިޝަލަކު ޔަގީންކޮށް ދެއްވި ގޮތުގައި އެ ބަލި ޖެހިފައި ހުރި މީހަކު މިހާރު ވަނީ ފެނިފައެވެ. އަދި ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. އެ ބަލި ޖެހުނީ ސީދާ ކާކަށް ކަމެއް އެޗްޕީއޭ އިން ބުނެފައި ނުވި ނަމަވެސް "ތިލަދުން" އަށް ކަށަވަރުވެފައިވާ ގޮތުގައި އެ ބަލީގައި ނިޔާވެފައިވަނީ ރާއްޖެ އިން އަލަށް ފެނިގެން އުޅޭ މެނިންގޯކޮކަލް ބަލި ޖެހިގެންނެވެ.
އިންވޭސިވް މެނިންގޯކޮކަލް ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހުންއައުމާއި ބޮލުގައި ރިއްސުމާއި ކަނދުރާ ވާންވުމާއި މޭ ނުބައިކޮށް ހޮޑުލެވުމާއި ވާނުވާ ނޭނގޭ ގޮތްވުމާއި ގައިގައި ރަތް ބިހި/ ލައްތަކެއް ނެގުމާއި ފިޓް ޖެހުމާއި އަލި ގަދަވުމުން އުނދަގޫވުމާއި ވަރުދެރަވުމާއި ނޭވާ އަވަސްވުން ހިމެނެއެވެ.
އެ ބައްޔަށް ހާއްސަ ވެކްސިނެއް ހުރެއެވެ. އެ ވެކްސިން ޖެހުމުން ހަށިގަނޑުގެ ދިފާއީ ބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފްތާ ނަގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!