ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް މުހައްމަދު އާރިފް (ބަކާ) ނިޔާވުމަކީ ދިވެހިންނަށް ލިބުނު ފުން ހިތާމައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އުމުރުން 38 އަހަރުގެ ބަކާ ނިޔާވެފައި ވަނީ އޭޑީކޭ ހޮސްޕިޓަލްގައި އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. ބަކާ ވަނީ މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައެވެ. ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އައިފަހުން ބަކާ ގެ ހާލު ސީރިއަސްވެ އޭޑީކޭގައި ފަރުވާ ދޭން ފެށީ ރޭގެ ވަގުތެއްގައެވެ.

Ad
rt

ރައީސް ޑރ. މުއިއްޒު "އެކްސް" ގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް، ވަކީން ހާއްސަކޮށް ފުޓްބޯޅައަށް ގިނަ ގުނަ ހިދުމަތްތަކެއް ކުރި، ގައުމަށް ފަހުރުވެރި ނަން ހޯދައި ދިން ބަކާ ނިޔާވުމަކީ ދިވެހި ރައްޔިތުންނަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.

މި ހިތާމަވެރި ވަގުތު ބަކާގެ އާއިލާ އަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މަރްޙޫމް މުހައްމަދު އާރިފަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވައި، ކީރިތިﷲ ގެ ނިއުމަތާ ރަޙްމަތުގައި ލެހެއްޓެވުން އެދި ދުއާކުރަމެވެ." ރައީސް ވިދާޅުވިއެވެ.

ބަކާ އަކީ ދިވެހި ގައުމީ ފުޓްބޯޅަ ޓީމަށާއި ފުރަތަމަ ޑިވިޝަންގެ ގިނަ ޓީމުތަކަށް ކުޅެފައިވާ ހުނަރުވެރި މިޑްފީލްޑަރެކެވެ. އޭނާ އަކީ ރާއްޖެއިން 2008 ވަނަ އަހަރު އަދި 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕު ހޯދި ޓީމުގައި ވެސް ބަކާ ހިމެނިފަވެއެވެ.

ބަކާ އަކީ ރައްޔިތުންގެ މަޖިލީހުގެ ކައުންސިލާ ޖެނެރަލް ފާތުމަތު ފިލްޒާގެ ފިރިކަލުންނެވެ.