ދިވެހިރާއްޖޭގެ ފުޓްބޯޅަ ލެޖެންޑެއްކަމަށްވާ މުހައްމަދު އާރިފް (ބަކާ) މިއަދު ނިޔާވެއްޖެއެވެ.

އުމުރުން 38 އަހަރުގެ ބަކާ ނިޔާވެފައި ވަނީ އޭޑީކޭ ހޮސްޕިޓަލްގައި އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

Ad
rt

ބަކާ ވަނީ މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައެވެ. ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އައިފަހުން ބަކާ ގެ ހާލު ސީރިއަސްވީއެވެ.

އޭނާގެ ހާލު ސީރިއަސްވީ ހުންގަދަވެގެންކަމަށް މައުލޫމާތު ލިބިފަވެއެވެ. ބަކާ އަށް އޭޑީކޭ އައިސީޔޫގައި ފަރުވާދޭން ފެށީ ރޭގެ ވަގުތެއްގައެވެ.

ބަކާ އަކީ ދިވެހި ގައުމީ ފުޓްބޯޅަ ޓީމަށާއި ފުރަތަމަ ޑިވިޝަންގެ ގިނަ ޓީމުތަކަށް ކުޅެފައިވާ ހުނަރުވެރި މިޑްފީލްޑަރެކެވެ. އޭނާ އަކީ ރާއްޖެއިން 2008 ވަނަ އަހަރު އަދި 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕު ހޯދި ޓީމުގައި ވެސް ބަކާ ހިމެނިފަވެއެވެ.

ބަކާ އަކީ ރައްޔިތުންގެ މަޖިލީހުގެ ކައުންސިލާ ޖެނެރަލް ފާތުމަތު ފިލްޒާގެ ފިރިކަލުންނެވެ.