މާލޭގެ ސިނަމާލެ ފްލެޓަކުން ވައްކަންކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ސިނަމާލެ ތިނެއްގެ ޓެރަސް މަތިން ވައްކަން ކުރަން އުޅުނު މައްސަލައެއް ރޭ ފަތިހު އެ އިދާރާއަށް ހުށަހެޅުނު ކަމަށެވެ.
މި މައްސަލައިއާއި ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެއީ، 35 އަހަރުގެ ދެމީހުންނާއި 42 އަހަރުގެ މީހެކެވެ. އެ އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.
ރޭ ފަތިހު 5:01 ހާއިރު ފުލުހުންނަށް ރިޕޯޓުކުރި މި މައްސަލަ އެ އިދާރާއިން ދަނީ ބަލަމުންނެވެ.
މީގެ އިތުރުން މާލޭގެ އީދު މިސްކިތުން ވައްކަން ކުރި މައްސަލައެއްގައި 41 އަހަރު ދިވެހި ފިރިހެނެއް ވެސް ފުލުހުން ވަނީ މިހާރު ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހާފައެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިދިޔަ މޭމަހު ފުލުހުންނަށް 285 ވައްކަމުގެ މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. އަދި އޭޕްރިލް މަހު 244 މައްސަލައެއް ރިޕޯޓުކޮށްފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!