މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި ލަނޑުޖަހައި ކްރޮއޭޝިއާ ރޮއްވާލުމަށް ފަހު، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން ޗެމްޕިއަން އިޓަލީ ޖާގަ ހޯދައިފިއެވެ.

ގްރޫޕް ބީގެ، ގްރޫޕް ސްޓޭޖް ފަހު މެޗަށް ރޭ އިޓަލީއާއި ކްރޮއޭޝިއާ ނުކުތްއިރު ދެވަނަ ބުރުން ފުރުސަތު ހޯދަން ކްރޮއޭޝިއާ އަށް އިޓަލީ ބަލިކުރުން ނޫން ގޮތެއް ނެތެވެ. ނަމަވެސް މެޗު އެއްވަރު ކޮށްލައިގެން ވެސް އިޓަލީއަށް ފުއްދާލެވެން އޮތެވެ.

Ad
rt

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން އިދިކޮޅު ގޯލަށް ނުރައްކާކުރިއެވެ. ނަމަވެސް ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

މެޗުގެ 52 ވަނަ މިނެޓުގައި އިޓަލީގެ އޭރިއާ ތެރެއިން ފްރަޓެސީ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ، މޮޑްރިޗް ފޮނުވާލިއިރު އިޓަލީގެ ކީޕަރު ޑޮނަރުންމާ ވަނީ މަތަކޮށްފައެވެ. ނަމަވެސް ޖެހިގެން އައި މިނެޓުގައި ކްރޮއޭޝިއާ އިން އުފެއްދި ހަމަލާއެއްގައި އިޓަލީގެ ކީޕަރު އަތުގައި ޖެހިފައި ބޯޅަ އޭރިއާތެރެއަށް ވެއްޓުނު ވަގުތު ގޯލުގެ ތެރެއަށް ފޮނުވާލައިގެން މޮޑްރިޗް ކާމިޔާބު ކޮށްދިން ލަނޑުން ކްރޮއޭޝިއާ އަށް ލީޑު ލިބުނެވެ. އުމުރުން 38 އަހަރުގެ މޮޑްރިޗްވެފައި ވަނީ ޔޫރޯގައި ލަނޑުޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ.

ބައިކޮޅަށް ވަތް ލަނޑާއިއެކު އިޓަލީން ކުރިއަށް ޖެހި ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުން ދިޔައިރު، ކްރޮއޭޝިއާ އިން ދިޔައީ ފަރުވާތެރިކަމާއި އެކު ޑިފެންސަށް އިސްކަންދީގެން ކުޅެމުންނެވެ. އިޓަލީން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ އަށް މިނެޓުގެ ވެސް އެންމެ ފަހު ސުކުންތުކޮޅުގެ ތެރޭގައެވެ.

އިޓަލީއަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖަހައިދިނީ މަޓެއާ ޒަކާނީއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ކަލަފިއޯރީގެ އެހީތެރިކަމާއި އެކުއެވެ.

ދެވަނަ ބުރުގައި އިޓަލީ ބައްދަލު ކުރަން ޖެހޭނީ ގްރޫޕް އޭގެ ދެވަނަ ހޯދި ސްވިޒަލެންޑާއެވެ. ތިންވަނަ ހޯދާ ޓީމްތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަށް ދެވަނަ ބުރުން ޖާގަ ލިބޭއިރު، ތިން މެޗުން ދެ ޕޮއިންޓް ލިބުނު ކްރޮއޭޝިއާ އަށް އެ ފުރުސަތު ވެސް ނުލިބި ވަނީ މުބާރާތުން ކަޓާފައެވެ.

ގްރޫޕް ބީގައި ރޭ ސްޕެއިން ވަނީ 1-0 ގެ ނަތީޖާއިން އަލްބޭނިއާ ބަލިކޮށް، ގްރޫޕް ބީގެ އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.