ހއ. ދިއްދޫ ބަނދަރު ތަރައްގީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، ބޮޑު ހިލައިގެ 3 ވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓްއަށް ގެންގޮސްފައެވެ. އަދި، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމިފައިވާއިރު، އެެއްގަމު ތޮށިލުމުގެ ވޭރިއޭޝަން މަސައްކަތްވެސް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން ކުރީގެ ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 87 އިންސައްތަ ނިމިފައިވާކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 49 މީޓަރުގެ ބޭރުތޮށި ލުމާއި، 58 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސްޖެހުމާއި، 81 މީޓަރުގެ ނެރު ތޮށިލުމާއި، 768 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓްޖެހުމާއި، 898 މީޓަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ކުރާނެއެވެ.
މީގެ އިތުރުން،9270 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މިއީ 88.36 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!