ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގައި ރޭ ތުރުކީއާއި ޕޯޗުގަލް ކުޅުނު މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް މުރާތުގެ ދެވަނަ ބުރުން ޕޯޗުގަލް ޖާގަ ހޯދައިފިއެވެ. ރޭ ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު މެޗު ޕޯޗުގަލް އިން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ.

ޕޯޗުގަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑަކާއި އެކުއެވެ. ފުރަތަމަ ލަނޑު 21 ވަނަ މިނެޓުގައި ޖަހައިދިނީ ބާނާޑޯ ސިލްވާއެވެ. ނޫނޯ މެންޑޭޒް ތުރުކީގެ އޭރިއާތެރެއަށް ތިރިން ހުރަސްކުރި ބޯޅަ، ޑިފެންޑަރެއްގެ ފައިގައި ޖެހިފައި އޭރިއާތެރެއިން ހުސްކޮށް ބާނާޑޯއަށް ލިބުނު ބޯޅަ އޭނާ ވަނީ އެއްފަހަރުން ޖަހައި ގޯލުގެ ކައިރި ކަނަށް ވައްދާލާފައެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި އޭނާ ޕޯޗުގަލްއަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

Ad
rt

ޕޯޗުގަލްގެ ދެވަނަ ލަނޑަކީ 28 ވަނަ މިނެޓުގައި ތުރުކީގެ ޑިފެންޑަރ ސާމިތު އަކައިދިން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އަކައިދިން އަށް އެއްވެސް ޕްރެޝަރެއްނެތި ފަސޭހަކަމާއިއެކު ކުޅެލަން ލިބުނު ބޯޅަ ރަނގަޅަށް ނުބަލައި ކީޕަރަށް ކުޅެލި ވަގުތު އެ ބޯޅަ ގޮސް ވަނީ ގޯލަށެވެ.

ޕޯޗުގަލްގެ ތިންވަނަ ލަނޑު 56 ވަނަ މިނެޓުގައި ޖަހައިދިނީ ބްރޫނޯ ފެނާންޑޭޒްއެވެ. އޮފްސައިޑް މަޅިން ސަލާމަތްވެ ރޮނާލްޑޯއާއި ހޯދި ބޯޅަ ގޯލަށް ފޮނުވާލަން ރޮނާލްޑޯއަށް ފުރުސަތު ލިބުނު ނަމަވެސް އޭނާ ވަނީ އަރިމަތިން ހުސްވި ބްރޫނޯއަށް އެ ބޯޅަ ޕާސް ކޮށް ފުރުސަތު ފަހިކޮށްދީފައެވެ.

ހަވަނަ ޔޫރޯގައި ކުޅުމުގެ ޝަރަފް ހޯދި ރޮނާލްޑޯގެ މި އެސިސްޓާއިއެކު އޭނާ ވެފައިވަނީ ޔޫރޯގައި އެންމެ ގިނަ އެސިސްޓްކުރި ކުޅުންތެރިއާއަށެވެ. މިއީ އޭނާ ޔޫރޯ މުބާރާތްތަކުގައި ކުރި ހަތްވަނަ އެސިސްޓެވެ. މީގެ އިތުރުން މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ވެސް އޮންނަނީ އޭނާ އަތުގަ އެވެ. އޭނާ ވަނީ މިހާތަނަށް ކުޅުނު ހަ ޔޫރޯ މުބާރާތުގެ 14 ލަނޑު ޖަހާފައެވެ.

ގްރޫޕް އެފްގެ އެއްވަނާގައި ޕޯޗުގަލް އޮތީ ކުޅުނު ދެ މެޗުން ހޯދި ހަ ޕޮއިންޓާއި އެކުއެވެ. ދެވަނާގައި ތިން ޕޮއިންޓް ހޯދައިގެން އޮތީ ރޭ ޕޯޗުގަލް އަތުން ބަލިވި ތުރުކީއެވެ. ތިންވަނާގައި ޗެކްރިޕަބްލިކްއާއި ހަތަރުވަނާގައި އޮތް ޖޯޖިއާ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

މި ގްރޫޕުން ދެވަނަ ބުރުން ޖާގަ ހޯދާ ޓީމެއް ކަށަވަރުވާނީ، ގްރޫޕްގެ ފަހު މެޗުތަކަށް ފަހުއެވެ. ފަހު މެޗުތަކުގައި އަންނަ ބުދަ ދުވަހުގެ ރޭ ޕޯޗުގަލް ނުކުންނާނީ ޖޯޖިއާ އާއި ދެކޮޅަށެވެ. ތުރުކީ ނުކުންނާނީ ޗެކްރިޕަބްލިކް އާއި ދެކޮޅަށެވެ. އެއް ވަގުތެއްގައި ކުޅޭ މި ދެ މެޗު ފަށާނީ ރާއްޖެ ގަޑިން އެ ރޭ ދަންވަރު ބާރަ ޖަހާއިރުއެވެ.