ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި ރޭ ނެދަލެންޑްސްއާއި ފްރާންސް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. މި މެޗު އެއްވަރުވެފައި ވަނީ 0-0 ގެ ނަތީޖާއިންނެވެ.
ގްރޫޕް ސްޓޭޖްގައި ފްރާންސާއި އޮސްޓްރިއާ ބައްދަލުކޮށް ފްރާންސް މޮޅުވި މެޗުގައި އެމްބާޕޭގެ ނޭފަތަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ ބަދަލުކުރިއެވެ. އަނިޔާއިން މުޅިން ސަލާމަތް ނުވިނަމަވެސް މާސްކް ބޭނުން ކޮށްގެން އެމްބާޕޭއަށް ރޭގެ މެޗުގައި ކުޅެވޭނެކަމަށް ފްރާންސްގެ މެޑިކަލް ޓީމުން ކަށަވަރު ކޮށްދިނުމާއިއެކު، ރޭ މެޗަށް ފްރާންސުން ނެގި ސްކޮޑުން އޭނާއަށް ޖާގަ ދިނެވެ. ނަމަވެސް ރިސްކް ނަގަން ބޭނުން ނުވާތީ ފްރާންސްގެ ކޯޗް ނިންމީ އެމްބާޕޭ ފުރަތަމަ އެގާރާގައި ނުހިމަނާށެވެ. މެޗުގެ ވަކި ހިސާބަކުން އެމްބާޕޭ ފެންނާނެ ކަމަށް ލަފާކުރި ނަމަވެސް މެޗު އެއްކޮށް އެމްބާޕޭ ނިންމާލީ ބެންޗްގައި އިނދެއެވެ.
ދެ ޓީމުން ވެސް ގޭމް ޑޮމިނޭޓް ކޮށްގެން ކުޅެން މަސައްކަތްކުރި މި މެޗުގައި، ލަނޑުޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ވަނީ ލިބި ބޭކާރުވެފައެވެ. ފްރާންސުން އެންމެ ރަނގަޅު ފުރުސަތު ލިބުނީ ރޭ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ގްރީޒްމަންއަށެވެ. ނަމަވެސް އެ އެއްވެސް ފުރުސަތެއްގެ ބޭނުން ނުކުރެވުނެވެ.
މެޗުގެ 68 ވަނަ މިނެޓުގައި ނެދަލެންޑްގެ ޒަވީ ސިމޯން ލަނޑެއް ޖެހިއެވެ. ގިނަ އިރުތަކެއް ވަންދެން ވީއޭއާރުން ބެލުމަށް ފަހު އެއީ އޮފްސައިޑް ލަނޑެއްކަމަށް ނިންމައި ލަނޑު ކެންސަލް ކޮށްލިއެވެ. ނެދަލެންޑްސްގެ ފޯވާޑް ޑިޕާއި ޖެހި ބޯޅައެއް، ފްރާންސް ކީޕަރު މައިންގްނޯން ފައިގައި ޖެހިފައި އައި ވަގުތު ޒަވީ ވަނީ ގޯލު ކަނަށް ބޯޅަ ފޮނުވާލާފައެވެ. ނަމަވެސް އޮފްސައިޑް މަގާމެއްގައި ހުރި ޑަމްފްރީސްގެ ސަބަބުން ފްރާންސް ކީޕަރަށް އެ ބޯޅަ މަތަކުރުމަށް ހުރަސް އެޅުމުން ލަނޑު ބަލައި ނުގަތެވެ.
މި މެޗުން އެއްވަރު ވުމުން ނެދަލެންޑްސްއާއި ފްރާންސް އޮތީ ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއިއެކު ތާވަލުގެ އެންމެ ކުރީގައެވެ. ގްރޫޕް ސްޓޭޖް ފަހު މެޗުތަކުގައި ފްރާންސް ނުކުންނާނީ ރޭ އޮސްޓްރިއާ އަތުން ބަލިވެ މުބާރާތުން ކެޓި ޕޮލެންޑާއި ދެކޮޅަށެވެ. ނެދަލެންޑްސް ނުކުންނާނީ އޮސްޓްރިއާއާއި ދެކޮޅަށެވެ. ޕޮލެންޑް ފިޔަވައި ދެން ގްރޫޕްގައި ހިމެނޭ ތިން ޓީމަށް ވެސް ދެވަނަ ބުރަށް ދިޔުމުގެ އަމިއްލަ ބާރު އެބައޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!