މީސްމީޑިއާގައި މީހަކު އިސްލާމްދީނަށް ފުރައްސާރަކުރި މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
މީސްމީޑިއާގެ އެކްސްގައި މީހަކު ވަނީ އިސްލާމްދީނުގެ މަތިވެރި އެއް އަޅުކަން، އިސްލާމް ދީނުގެ ފަސް ވަނަ ރުކުން ކަމަށްވާ ޙައްޖުގެ އަޅުކަމަށް ނިސްބަތްކޮށް ޖޯކުޖަހައި ޕޯސްޓެއް ކޮށްފައެވެ. އެމީހާ އެ ޕޯސްޓް ކުރީ ޔޯގާ އަށް ތާއީދުކޮށް، އިސްލާމްދީނަށް ފުރައްސާރަކޮށެވެ.
މި ޕޯސްޓްގެ މައްސަލަ ފެންމަތިވެފައިވާއިރު، އެ މިހާއާއި ނިސްބަތްކޮށް ގިނަބަޔަކު އަންނަނީ މީސްމީޑިއާގައި ނުރުހުންފާޅު ކުރަމުންނެވެ.
އެ މައްސަލައާއި ގުޅިގެން ނޫސްވެރިއަކު ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖަކާއި ގުޅިގެން ފުލުހުން މިއަދު ބުނީ އިސްލާމްދީނަށް ފުރައްސާރަކޮށް، މީހަކު އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓެއް އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
''އެ ޕޯސްޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން'' ފުލުހުން ބުނެފަވެއެވެ.
ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 617 ވަނަ މާއްދާ - އިސްލާމްދީނާއި ދެކޮޅު ޢަމަލުތައް
(ހ) އެއްވެސް މީހަކު އަންނަނިވި ޢަމަލުތަކުގެ ތެރެއިން ޢަމަލެއް ކުރާނަމަ އެ މީހާ އެކުރަނީ ކުށެކެވެ:
މުއާޞަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ ޢާންމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި، ދީނީ ތަޤްރީރުކުރުން؛ ނުވަތަ
(2) އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި، އެކިއެކި ލިޔުންތައް ތައްޔާރުކުރުމާއި، ބެހުމާއި، ވިއްކުމާއި، އުފެއްދުން؛ ނުވަތަ
(3) އަޅުކަންކުރަން ގެންގުޅޭ ބުދު ދިވެހިރާއްޖޭގައި އުފެއްދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ ގެންގުޅުން، ނުވަތަ ދިނުން ނުވަތަ ވިއްކުން ނުވަތަ ފެތުރުން ނުވަތަ ދިވެހިރާއްޖެއަށް ގެނައުން؛ ނުވަތަ
(4) ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި، މީހުންގެ މެދުގައި ދީނީގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި، އެފަދަ ގޮތްގޮތަށް ޢަމަލުކުރުން.
(5) މުއާޞަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް ޢާންމު ތަނެއްގައި، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ ޢަމަލުން، މާތް الله އަށް ނުވަތަ ކީރިތި ޤުރުއާނަށް ނުވަތަ ކީރިތި ރަސޫލާއަށް ނުވަތަ ކީރިތި ރަސޫލާގެ ސުންނަތަށް ނުވަތަ އިސްލާމްދީނަށް ފުރައްސާރަކުރުން
(6) މުއާޞަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ ޢަމަލުން، މާތް الله އާމެދު ނުވަތަ ކީރިތި ޤުރުއާނާމެދު ނުވަތަ ކީރިތި ރަސޫލާއާމެދު ނުވަތަ ކީރިތި ރަސޫލާގެ ސުންނަތާމެދު ނުވަތަ އިސްލާމްދީނާމެދު ދޮގު މަޢުލޫމާތު ފެތުރުން ނުވަތަ އެފަދަ ޢަމަލެއް ކުރުމުގައި ބައިވެރިވުން.
މި ކުށަކީ ޖުނަޙްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ. މި ކުށުގެ އެންމެ ބޮޑު އަދަބަކީ 1 އަހަރު ދުވަހަށް ޖަލަށް ލުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!