ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް 2024، ގެ ފުރަތަމަ މެޗުގައި ޗެމްޕިއަން އާޖެންޓީނާއިން ކެނަޑާ ބަލިކޮށް ފެށުން ރަނގަޅު ކޮށްފިއެވެ. ރޭ މުބާރާތް ހުޅުވި މެޗުގައި 2-0 ގެ ނެތީޖާއިން އާޖެންޓީނާއިން ވަނީ ކެނަޑާ ބަލިކޮށްފައެވެ.

މި މެޗުގައި އާޖެންޓީނާއިން ވަނީ މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މެޗުގައި އާޖެންޓީނާއިން އުފެއްދި ގިނަ ހަމަލާތަކުގެ ހުރަހަކަށް ވީ، މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ކެނަޑާގެ ކީޕަރ މެކްސިމް ކްރެޕައު އެވެ.

Ad
rt

ކައުންޓަ އެޓޭކެއްގައި އާޖެންޓީނާއިން އުފެއްދި ހަމަލާއެއްގައި ޑި މާރިއާ އަށް ލިބުނު ހުސް ފުރުސަތުގައި ފޮނުވާލި ބޯޅަ ކްރެޕައު މަތަކުރިއިރު، މެސީއަށް ހުސްކޮށް ލިބުނު ތިން ފުރުސަތު ހުއްޓުވުމުގައި ވެސް ކްރެޕައު ވަނީ އޭނާގެ ހުޝިޔާރުކަން ސާބިތުކޮށްދީފައެވެ.

މެޗުގެ ފުރަތަމަ ލަނޑު 49 ވަނަ މިނެޓުގައި އާޖެންޓީނާއަށް ޖަހައިދިނީ ހޫލިއަން އަލްވަރޭޒްއެވެ. މިއީ އޭނާ ގައުމީ ޓީމަށް ކުޅުނު 32 މެޗުގައި ޖެހި 8 ވަނަ ލަނޑެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ މެސީ ކެނަޑާގެ އޭރިއާތެރެއަށް ކުޅުނު ބޯޅައަކުން މެކް އަލިސްޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. އާޖެންޓީނާގެ ދެވަނަ ލަނޑު 88 ވަނަ މިނެޓުގައި މެސީ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ މާޓިނޭޒް އެވެ. އޭނާ ކުޅެން ނުކުމެފައި ވަނީ 76 ވަނަ މިނެޓުގައި އަލްވަރޭޒްގެ ބަދަލުގައެވެ.

މި މުބާރާތުގެ މެޗެއް މިރޭ ވެސް ކުޅޭނެއެވެ. މިރޭ ފަތިހު 05:00 ޖަހާއިރު ބައްދަލުކުރާނީ ޕެރޫއާއި ޗިލީއެވެ. މިއީ ގްރޫޕް އޭގެ މެޗެކެވެ.