ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއާއި ސްޕެއިން ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް، ދެވަނަ ބުރުން ސްޕެއިން ޖާގަ ހޯދައިފިއެވެ.
ސްޕެއިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ފަހިކޮށްފައެވެ. މެޗުގެ ވަރަށް ކުރީކޮޅު އިޓަލީގެ އޭރިއާ ތެރެއިން ތަނަވަސްވީ ފުރުސަތެއްގައި ސްޕެއިންގެ މިޑްފީލްޑަރ ޕެޑްރީ ގޮންޒާލޭޒް ބޮލުން ޖެހި ބޯޅަ އިޓަލީގެ ކީޕަރު ޖިއަންލުއިޖީ ޑޮނަރުންމާ މަތަކުރިއިރު، އޭގެ އިރުކޮޅެއް ފަހުން ނިކޯ ވިލިއަމްސްއަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެއެވެ.
އޭގެ ފަހުން ވެސް ފަބިއަން ރުއިޒްއާއި ނިކޯ ވިލިއަމްސްގެ އިތުރުން ޕެޑްރީއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބިފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ނުކުރެވުނެވެ.
މެޗުގައި ސްޕެއިނުން ކާމިޔާބުކުރި ހަމައެކަނި ލަނޑަކީ، 55 ވަނަ މިނެޓުގައި އިޓަލީގެ ޑިފެންޑަރު، ރިކާޑޯ ކަލަފިއޯރީ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މިއީ ސްޕެއިންގެ ނީކޯ ވިލިއަމްސް ނަގައިދިން ހުރަހެއް މޮރާޓާ ބޮލުގައި ޖެހިފައި އިޓަލީގެ ކީޕަރު ޑޮނަރުންމާ އަތުގައި ޖެހިފައި ނުކުތްވަގުތު ކަލަފިއޯރީ ފައިގައި ޖެހިފައި ވަތް ލަނޑެކެވެ.
ގްރޫޕް ސްޓޭޖްގައި ކުޅުން ދެ މެޗު ކާމިޔާބުކޮށް 6 ޕޮއިންޓް ހޯދައި ސްޕެއިން ވަނީ އެ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދާފައެވެ. މި ގްރޫޕްގެ ދެވަނާގައި އިޓަލީ އޮތީ ތިން ޕޮއިންތާއި އެކުއެވެ. ތިންވަނާގައި އޮތް އަލްބޭނިއާއާއި ހަތަރުވަނާގައި އޮތް ކޮރޭޝިއާއަށް ލިބިފައި ވަނީ އެއް ޕޮއިންޓެވެ. މި ގްރޫޕްގައި ދެން ކުޅޭނީ ފަހު މެޗުތަކެވެ.
އަންނަ ހޯމަ ދުވަހުގެ ރޭ 0000 ގައި ސްޕެއިން ނުކުންނާނީ އަލްބޭނިއާއާއި ދެކޮޅަށެވެ. ހަމަ އެ ގަޑީ އިޓަލީއާއި ކޮރޭޝިއާ ބައްދަލުކުރާނެއެވެ. މި ގްރޫޕުން ދެވަނަ ބުރުން ފުރުސަތު ލިބޭ ޓީމެއް ކަނޑައެޅިގެންދާނީ އެ މެޗުތަކަށް ފަހުއެވެ.
މި މުބާރާތުގައި މިރޭ ތިން މެޗު ކުޅޭނެއެވެ. މިއަދު އިރުއޮއްސި 6 ޖަހާއިރު ސްލޮވާކިއާއާއި ޔުކްރެއިން ވައްދަލުކުރާއިރު، 21:00 ގައި ޕޮލެންޑް ވާދަކުރާނީ އޮސްޓްރިއާއާއެވެ. މިރޭ ދަންވަރު ބާރަ ޖަހާއިރު ނެދަލެންޑްސްއާއި ފްރާންސް ވާދަ ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!