ހދ. ނޮޅިވަރަމްގައި ސައިކަލާއެކު މޫދަށް ވެއްޓި ޒުވާނަކު ނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެރަށު ބަނދަރުން މީހަކު ސައިކަލާއެކު މޫދަށް ވެއްޓިގެން ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާ ކަމަށް ރޭ 9:15 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ ހާދިސާގައި އަނިޔާވީ އުމުރުން 32 އަހަރުގެ ފިރިހެނަކަށެވެ.

Ad
rt

ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް އެ މީހާ ނިޔާވެފައިވާ ކަމަށް ވެސް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިހާދިސާގައި ނިޔާވެފައި ވަނީ އެރަށު ގާޑްނިޔާވިލާ، އިލްޔާސް އިބްރާހީމް އެވެ. އިލްޔާސްގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮތީ މިއަދު ހެނދުނު 10:00ގައި އެރަށު މައްސިޖުއްސަލާމްގައެވެ.

އިލްޔާސްގެ ބައެއް އެކުވެރިން ބުނެފައިވާ ގޮތުގައި އިލްޔާސް އަކީ ވަރަށް ހިތްހެޔޮ، ކަމަކު އެހީތެރިކަމަކަށް އެދިއްޖެނަމަ އެކަމަކީ އަމިއްލަ ކަމެއްގެ ގޮތުގައި ދެކި އެކަމަށް ހުސްވެ އެކަމެއްކޮށްދީހަދާ އެކުވެރިއެކެވެ.