މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ރާއްޖޭގައި ބޮޑުވެފައިވާއިރު، ރައްޔިތުން ހޭލުންތެރިވެ އެ ކަމަށް ހާއްސަ ސަމާލުކަމެއްދޭންޖެހޭ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.
އަމިއްލަ ޓީވީ ޗެނަލެއްކަމަށްވާ ''އަސްލު'' ޓީވީގެ ''ބާބު'' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިފާން ވިދާޅުވީ، މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ރާއްޖޭގައި ބޮޑުވެފައިވާއިރު މިފަދަ ބައެއް ކޯލުތައް ޖަލުތެރެއިން ވެސް އާދެއެވެ.
އެކަން ހައްލުކުރުމަށް ފުލުހުންނާއި ކަރެކްޝަނަލް ސާވިސް ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، ޖަލުގެ ތެރެއިން އަންނަ ކުށުގެ އަމަލުތައް ހުއްޓުވުމަށް ވަރަށް ބޮޑަށް ސަމާލުކަންދޭ ކަމަށް ޝިފާން ވިދާޅުވިއެވެ.
ޝިފާން ވިދާޅުވީ، ސްކޭމްގެ ހާދިސާތަކުގައި ގެއްލޭ ފައިސާ ފުލުހުންނަށް ނުހޯދެނީ ގާނޫނީ ނިޒާމުގައި ހުރި ބައެއް ހުރަސްތަކުގެ ސަބަބުންނެވެ. އަދި އެފަދަ ކޯލްތަކާމެދު ރައްޔިތުން ހޭލުންތެރިކޮށް، ސަމާލުވެ ތިބުމަށް ގިނަ އިލްތިމާސްތަކެއްކޮށް، މަސައްކަތްތަކެއް ކުރެވެމުން އަންނަކަމަށް ޝިފާން ވިދާޅުވިއެވެ.
''ރައްޔިތުން ސަމާލުވާން އަޅުގަނޑުމެންނަށް ވަރަށް ގިނައިން ބުނެވޭ. އެކަމަކު ދެރަވާ ކަމަކީ ނުދަންނަ ފޯން ކޯލްތަކަށް ޖަވާބުދެވި ފައިސާގެ މުއާމަލާތް ކުރާތީ. އަޅުގަނޑުމެންގެ ވިސްނުންވެސް އެބަޖެހޭ ވަރަށް ބޮޑަށް ހަރުވާން. ހިލޭ ގެއެއް ދޭކަށް ނުވަތަ ފްލެޓެއް ދޭން މީހަކު ނުގުޅާނެ ކަން އެނގެންވާނެ" ޝިފާން ވިދާޅުވިއެވެ.
ޝިފާން ވަނީ މިފަދަ މައްސަލަތައް ބޮޑުވެފައިވާއިރު ރައްޔިތުން ހޭލުންތެރިވެ މިކަމަށް ހާއްސަ ސަމާލުކަމެއްދިނުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ފުލުހުންވެސް މިކަމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތަކެއް ހުރިކަން ވެސް ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!