އުއިގޫރު މުސްލިމުންގެ ސަގާފަތާއި އައިޑެންޓިޓީ ފޮހެލުމުގެ ގޮތުން ޗައިނާއިން ޝިންޖިއާން ސަރަހައްދުގެ އެތައް ސަތޭކަ އަވަށެއްގެ ނަން ބަދަލުކުރި ކަމަށް ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އިން ތުހުމަތުކޮށްފި އެވެ.
އެ ޖަމާއަތުން ނެރުނު ރިޕޯޓެއްގައި ވާގޮތުން 2009 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު ގާތްގަނޑަކަށް 630 އަވަށެއްގެ ނަމުން އުއިގޫރު ދީނާއި ތާރީހާއި ސަގާފަތާ ގުޅުން ހުރި ލަފުޒުތައް އުނިކޮށްފައިވެ އެވެ.
ޗައިނާގެ އަމިއްލަ އަށް ޝާއިއުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބިނާކޮށް ހެދި މި ދިރާސާއިން ދައްކާ ގޮތުގައި ޝިންޖިއާންގެ އެކި ސަރަހައްދުތަކުގެ ވިލެޖް ނަންތަކުގައި "ސުލްތާން" އާއި "ހަރަމްފުޅު" ފަދަ ލަފުޒުތަކުގެ ބަދަލުގައި "އެއްބައިވަންތަކަން" އަދި "އުފާވެރިކަން" ފަދަ ލަފުޒުތައް ވަނީ ބޭނުންކޮށްފަ އެވެ. މިސާލަކަށް އަކްޓޯ ކައުންޓީގެ އަކް މެސްޗިޓް ("ހުދު މިސްކިތް") އަވަށަށް ޔުނިޓީ ވިލެޖްގެ ނަން ދީފައިވަނީ 2018 ވަނަ އަހަރުއެވެ.
އެޗްއާރްޑަބްލިއު އިން ބުނަނީ މި ސިސްޓަމެޓިކް ނަން ބަދަލުކުރީ 2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ދެމެދު ޝިންޖިއާންގެ އުއިގޫރު އާބާދީއާ ދެކޮޅަށް ހަމަނުޖެހުންތައް އިތުރުވުމާ ގުޅިގެން ކަމަށެވެ. އެ ޖަމާއަތުން ތުހުމަތު ކުރާ ގޮތުގައި ޗައިނާއިން މަސައްކަތް ކުރަނީ މި ނަން ބަދަލުކޮށްގެން އުއިގޫރު ސަގާފީ އަދި ދީނީ އިބާރާތްތައް ފޮހެލުމަށެވެ.
ޗައިނާގެ އުއިގޫރު މުސްލިމުންގެ މައިނޯރިޓީއާ ދެކޮޅަށް ނިޒާމީ ގޮތުން އިންސާނީ ހައްގުތަކަށް އަރައިގަތް ކަމުގެ ހެކި ތައް މި ރިޕޯޓުން ވަނީ އިތުރުވެފަ އެވެ. ޝިންޖިއާންގައި ޗައިނާއިން ހިންގަމުން ގެންދާ ހަރުކަށި ފިޔަވަޅަކީ ހަރުކަށި ޓެރަރިޒަމާއި ހަރުކަށި ފިކުރާއި ވަކިވެގަތުމުގެ އިންޒާރުތައް ކަމަށް ބުނެ ބެއިޖިންއިން ވަނީ އެކަން ޖަސްޓިފައިކޮށްފަ އެވެ.
ޗައިނާއިން ދީނީ މިނިވަންކަމަށް ރަސްމީކޮށް ހުއްދަ ދިން ނަމަވެސް، އޮބްޒާވަރުންނަށް މިފަހަކަށް އައިސް އެގައުމުގެ އެކި ކަންކޮޅުތަކުގައި ދީނާ ދެކޮޅަށް ބޮޑެތި ފިޔަވަޅުތަކެއް ވަނީ ފެނިފައެވެ. އުއިގޫރު ދަރިކޮޅުގެ މުސްލިމުން ހިމެނޭ ގޮތަށް ޗައިނާގެ 20 މިލިއަން މުސްލިމުންގެ ތެރެއިން ގިނަ މީހުން ދިރިއުޅެނީ ޝިންޖިއާން ފަދަ ހުޅަނގު އުތުރުގެ ސަރަހައްދުތަކުގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!