އިލެކްޝަން ކޮމިޝަން (އީސީ)ގައި ދަފުތަރު ކުރެވިފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ކަނޑައެޅިފައިވާ ފައިސާ ލިބުމުގެ ޝަރުތުހަމަވާ ހަ ޕާޓީއަކަށް 44.09 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ޝަރުތުހަމަވާ ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހެއެވެ. ޕާޓީތަކަށް އިލެކްޝަނުން ފައިސާ ދޫކުރަނީ މެމްބަރުންގެ އަދަދަށް ބަލައިގެންނެވެ.
ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާނީ، ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރާ ދުވަހާ ހަމަޔަށް އެ ޕާޓީއެއްގެ މެންބަރުންގެ ދަފްތަރުގައި 10،000 މީހުން ހަމަވާ ޕާޓީތަކަށެވެ.
އީސީން ބުނެފައިވާގޮތުގައި މި 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ފާސްކުރިއިރު، ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަވަނީ ހަ ޕާާޓީއެއްގައެވެ. އެއީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)، ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަދި އަދާލަތު ޕާޓީ (އޭޕީ) އެވެ.
ޕާޓީތަކަށް ފައިސާ ދޫކުރި ޢަދަދުތައް
• އެމްޑީޕީ: 15.1 މިލިއަން ރުފިޔާ
• ޕީޕީއެމް: 10.4 މިލިއަން ރުފިޔާ
• ޖޭޕީ: 5.3 މިލިއަން ރުފިޔާ
• އެމްޑީއޭ: 2.4 މިލިއަން ރުފިޔާ
• ޕީއެންސީ: 8.0 މިލިއަން ރުފިޔާ
• އަދާލަތު ޕާޓީ: 2.5 މިލިއަން ރުފިޔާ
މި ފައިސާ ދޫކުރަނީ އަދަދު ހަމަވާ ޕާޓީއެއް ނަމަވެސް އެ ޕާޓީއަކުން ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓު ކަނޑައަޅާފައިވާ ތާރީޚަށް އީސީ އަށް ހުށަހެޅުމުންނެވެ.
މި ޕާޓީތަކުގެ މެންބަރުންކުރެ ބޮލަކަށް ޖެހޭ ނިސްބަތަކީ 289.62 ރުފިޔާއެވެ. މި ހަ ޕާޓީގައި ތިބި ކަމަށް އީސީގައި ދަފުތަރު ކުރެވިފައިވާ މެންބަރުންގެ އަދަދަކީ ޖުމުލަ 152،266 އެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައި އެބައޮތެވެ. މީގެ ތެރެއިން ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ޝަރުތު ހަމަނުވާތީ ފައިސާ ނުލިބޭ ޕާޓީތަކަކީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާއި ދަ ޑިމޮކްރެޓްސް އަދި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!